ޚަބަރު
ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ ބޮޑު ބައެއް އެމްއެމްއޭއަށް ނަގަނީ
ޓޫރިޒަމްގެ ޚިދުމަތްދޭ ތަންތަނުން ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކުރަން ޖެހޭ ގަވާއިދަށް މިދިޔަ އަހަރު ގެނައި ބަދަލުގެ ދަށުން, ބޭންކުތަކުން, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް މާރުކުރަން ޖެހޭ ޑޮލަރުގެ އަދަދަށް ބޮޑު ބަދަލެއް ގެންނަން މަރުކަޒީ ބޭންކުން ނިންމައިފި އެވެ.

އެމްއެމްއޭ އިން މިހާރު ވަނީ ބޭންކްތައް އެ އެންގުން އަންގާފަ އެވެ.

މިފަދަ ފިޔަވަޅެއް އެޅީ އަންނަ އަހަރަކީ ދިވެހި ދައުލަތުން ދަރަނީގެ ގޮތުގައި ބޭރު ފައިސާ އިން ބޮޑު އަދަދެއް ދައްކަންޖެހޭ އަހަރަކަށްވާތީ އެކަމަށް ތައްޔާރުވުމަށާއި ދަރަނި ދެއްކުން ފަސޭހަ ކުރުމަށްޓަކައި ކަމަށް އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން ބޭންކްތަކަށް މާރުކުރާ ބޭރު ފައިސާގެ ވަކި އިންސައްތައެއް އެ ބޭންކަށް ވިއްކަންޖެހެ އެވެ. ނަމަވެސް ވިއްކަންޖެހޭ ވަކި އިންސައްތަ ގާނޫނުގައި ކަނޑައަޅާފައެއް ނުވެ އެވެ. އެކަމަކު އެ އިންސައްތަ ކަނޑައެޅުމުގެ ބާރު މަރުކަޒީ ބޭންކަށް ދީފައިވެ އެވެ.

ޓޫރިސްޓް ރިސޯޓުތަކާއި ގެސްޓުހައުސް ފަދަ ތަންތަނުން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ގެޒެޓް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު އެވެ. އެ އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މި ގާނޫނުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭއިރު "ކެޓެގަރީ ބީ" ގައި ހިމެނޭ ސަފާރީތަކާއި ގެސްޓުހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ 20 ޕަސެންޓް މާރުކުރަން ޖެހެ އެވެ.

ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކަށް އެކަނި މި ގާނޫނު ހިނގާނެ އެވެ. 

އެމްއެމްއޭއަށް މާރުކުރަން ޖެހޭ ޑޮލަރުގެ ޕަސެންޓް ބޮޑުކުރާއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާއްމުންނަށް އެކިއެކި ބޭނުންތަކަށް, ޑޮލަރު ދޭ ޕަސެންޓް ވަރަށް ބޮޑަށް އިތުރު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ދިވެހި ދައުލަތުން އަންނަ އަހަރު ދަރަނި އަދާކުރުމަށް 1.1 ބިލިއަން ޑޮލަރު ނުވަތަ 17 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. މީގެތެރޭގައި ސުކޫކު ޕޭމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ އާއި ޕްރައިވެޓް ބޮންޑް ޕްލޭސްމެންޓެއްގެ ގޮތުގައި އިޝޫކޮށްފައިވާ 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ އެއްފަހަރާ ދެއްކުންވެސް ހިމެނެ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު