ޚަބަރު
މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި
މުއްޔާއި ނާލާފުށީ ކޯޒްވޭގެ އަމަލީ މަސައްކަތް ރައީސް ފައްޓަވައިދެއްވަނީ
މ. މުއްޔާއި ނާލާފުށި ގުޅައިލުމަށް އަޅައި ކޯޒްވޭގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މުލީގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައި މިމަޝްރޫއު ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އެއް ފަޅެއްގެ ތެރޭގައި އޮންނަ ނާލާފުށްޓާއި މުލީ ގުޅުވާލުމަށް 565 މީޓަރުގެ ކޯޒްވޭއެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 30، 2023 ގައެވެ.

ކޯޒްވޭގެ މަސައްކަތް އެއްކޮށް ނިމޭއިރު ތިން ސެގްމެންޓެއްގައި 105 މީޓަރުގެ ބްރިޖެއްވެސް ހެދުމަށް ހަމަޖެހިފައިވެ އެވެ.

ދައުލަތުގެ ބަޖެޓުން 125.5 މިލިއަން ރުފިޔާ ހަރަދުކުރާ މިމަޝްރޫއުގައި ކޯޒްވޭގެ މަގުތައް ހަދައި ތާރުއެޅުމުގެ މަސައްކަތްވެސްކުރާނެ އެވެ. އަދި 15 މީޓަރުގެ ގްރޮއިން ޖަހައި 112 މީޓަރުގެ ރިވެޓްމަންޓް ހަދާނެ އެވެ.

މުއްޔާއި ނާލާފުށި ގުޅާލާ ކޯޒްވޭގެ މަސައްކަތް ފެށިއިރު، މުލީގައި ހެދި ޑޮމެސްޓިކް އެއާޕޯޓު މިއަދު ވަނީ ހުޅުވައިފަ އެވެ. އެ އެއާޕޯޓާ އެކު މި އަތޮޅުގެ ޓޫރިޒަމް ކުރިއަރައި އިގްތިސާދީ ގޮތުން ކުރިއެރުންތަކެއް ލިބޭނެ އެވެ.

މުލީގެ ފަޅުން ދެ ރަށް ހިއްކައިގެން ޓޫރިޒަމް ފުޅާކުރަން ވެސް ސަރުކާރުގެ ޕްލޭންގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު