ރައީސް މ. ނާލާފުށީ އައު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މ. ނާލާފުށީ އައު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި، މ. މުލީ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ނާލާފުށީ އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް ހުޅުއްވައި ދެއްވީ، ރައީސުލްޖުމްހޫރިއްޔާ މިހާރު މުލަކަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ނާލާފުށީގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތަކީ، އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތްކޮށްފައިވާ އިންޖީނުގެއަކާ އޮފީސް އިމާރާތެކެވެ. އޮފީސް އިމާރާތުގައި ދަތިކަމެއް ނެތި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ. އަދި އައު އިންޖީނުގޭގެ ކެޕޭސިޓީ އަކީ، 538 ކިލޯވޮޓްއެވެ. ކުރިން ނާލާފުށީ އިންޖީނުގެ ހުރީ ރަށގެ މެދުގައި ނަމަވެސް އައު އިންޖީނުގެއާ ފެނަކަ އޮފީސް އިމާރާތް އަޅާފައި ވަނީ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުގައެވެ.
ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅަށް ކުރައްވާ މިދަތުރުފުޅުގައި މިއަދު ހަވީރު ވަނީ މުއްޔަށް ވަޑައިގެން އެރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
މުލީގައި ޤާއިމްކުރެވުނު ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ކުރިޔަށް ގެންދެވުނު މަޝްރޫޢުކެވެ. މިމަޝްރޫޢުގެ މަސައްކަތްކޮށްފައި ވަނީ، އެސް.އެމް.ސީ އިންފްރާސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރައްވައިގެންނެވެ.
ރައީސް ވިދާޅުވީ ނާލާފުށި ފަދަ ކުދި އާބާދީތަކަކީ މީގެ ކުރީގެ ސަރުކާރުތަކަށް މުހިންމު ތަންތަނެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ރައީސް ވިދާޅުވީ މި ރަށްރަށުގެ އާބާދީ ކުޑަވުމުން ރިޔާސީ އިންތިހާބު ފަދަ ބޮޑެތި އިންތިހާބުތަކުގައި މި ރަށްރަށް މުހިންމު ނުވުމެވެ.އެހެންވެ، އަބަދުވެސް ސަރުކާރުތަކުން އަޅާލީ ގިނައިން ވޯޓް ލިބޭ، އާބާދީ ބޮޑެތި ރަށްރަށަށް ކަންކަންކޮށް ދިނުމަށް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. ނަމަވެސް، އެ މަނިކުފާނުގެ ވިސްނުމަކީ ހަމައެކަނި އިންތިހާބު ކާމިޔާބު ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށް ދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެެވެ."ކުރީގެ ސަރުކާރުގެ ސިޔާސަތުގައި ނަމަ 15-20 އަހަރު ފަހުން ތަރައްގީގެ މަޝްރޫއުތައް އަންނާނީ މި ރަށަށް. އަޅުގަނޑުމެން މި ކޯލިޝަނުން ގަބޫލުކުރަނީ ލިބެން ޖެހޭ އަސާސީ ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ ވަކި ރަށެއް ތަފާތުނުކޮށޭ،" ރައީސް ވިދާޅުވި އެވެ.ރައީސް ވަނީ ނާލާފުށީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ލަސްވެފައި ވާތީ އެކަން ހައްލު ކޮށްދެއްވާނޭ ކަމަށް ވިދާޅުވެފަ އެވެ. އަދި ބައެއް މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކުން ކުޑަކޮށް ފަހަތަށް ޖެހޭތީ ދާންވާ ސްޕީޑްގައި މަސައްކަތްތައް ނުގޮސް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި 141 ރަށުގައި ފަށާފައި އޮތް ފެނާއި ނަރުދަމާގެ މަސައްކަތްތައް މި އަހަރު ނިންމައި ހިދުމަތް ދޭން މަސައްކަތް ކުރައްވާނޭ ކަމަށެވެ.ރައީސް ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ދުރު މުސްތަގުބަލަށް ވިސްނައިގެން ކަމަށެވެ. އެގޮތުން ފެނަކައިގެ އާ އިންޖީނުގެތަކުގެ މަސައްކަތަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ އެ ތަންތަން ދެން ކުރިއަށް އޮތް 30-40 އަހަރު ވެސް ހަދަން ނުޖެހޭނެ ކަމަށެވެ.