ވިޔަފާރި
ޑޮނޭޓް އޮން ދިރާގުއެޕް ޕްރޮގްރާމުން ލިބުނު ޑޮނޭޝަން ހަދިޔާކޮށްފި
ދިރާގުން 'ޑޮނޭޓް އޮން ދިރާގުއެޕް' ޕްރޮގްރާމް މެދުވެރިކޮށް ލިބިފައިވާ 230،380ރ. ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް މިއަދު ހަދިޔާކޮށްފި އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމްއާ މި ފައިސާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ދިރާގުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދެވެ.

މި ފައިސާގެ ތެރޭގައި ދިރާގުން ހަދިޔާކުރި 150،000ރ. އިތުރުން މިދިޔަ ރޯދަ މަހު ދިރާގުއެޕް މެދުވެރިކޮށް އާންމުން ހަދިޔާކޮށްފައިވާ ފައިސާ ވެސް ހިމެނެ އެވެ.

މި ޑޮނޭޝަން ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށެވެ. ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ.

މި ގޮތުން، ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާއެވެ. އަދި، އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.

މި ޑޮނޭޝަންގެ އެހީގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދުޅަހެޔޮކަމާއި ތަރައްގީއަށް މިނިސްޓްރީން ކަނޑައަޅާ މުހިއްމު ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން އަންނަނީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުޑަކުދިންގެ މުސަތަގުބަލަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން އަންނަނީ ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދެމުންނެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު