ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި އޭދަފުށި ދާއިރާގެ މެމްބަރު ސަލީމް ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕީއެންސީ
ހަސަން ހަލީމްރާއްޖޭގެ ބަޖެޓާއި އިގުތިސާދީ ހާލަތާ ނުބައްދަލު ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަތީޖާއަކީ ޑިމޮކްރަސީއާއާ އެކު، އެ ބަޔަކު ހިތަށް އެރި އަގެއްގައި ދައުލަތުގެ ބަޖެޓާއި ދަރަނި އިންތިހާ އަށް ބޮޑުކުރުން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) ރޭ ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީން ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ކުންފުނިތަކުގެ މާލީ ހާލަތަކީ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ އެއްޗެއް ކަމަށާއި މިދިޔަ ސަރުކާރުގައި ކޮންމެ ކުންފުންޏެއް ވެސް އޮތީ ތިން ބިލިއަން ނުވަތަ ހަ ބިލިއަން ރުފިޔާ އިން ދަރާފައި ކަމަށެވެ.ސަލީމް ވަނީ 2018 އިން 2023ގެ ނިޔަލަށް ދައުލަތުގެ ކުންފުނިތަކުގެ މާލީ ހާލަތާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ހެދި ދިރާސާތަކުން ފާހަގަވެފައި ހުރި ބައެއް ކަންކަން ހިއްސާކުރައްވާފައެވެ.ސަލީމް ވިދާޅުވީ، ބޮޑު އަގުގައި މަސައްކަތް ހަވާލުކޮށް، ތަކެތި ގަނެގެން ހަމައެކަނި ފެނަކައަށް ހަތަރު ބިލިއަނެއްހާ ރުފިޔާ 'ވަގަށް ނަގާފައި' އެބަ އޮތް ކަމަށެވެ."ފައިސާ ހޯދާނެ ގޮތް އެބަ އެނގޭ ބައިވަރު. އެކަމަކު އެ ގޮތަށް ފައިސާ ހޯދީމާ ނަތީޖާއަކީ ކޮބައިތޯ މިއަދު؟ މިއަދު ނަތީޖާއަކީ މި ހިސާބަށް އަންނަން ޖެހުނީ އެ ގޮތަށް ކަންތައް ކުރުމުގެ ނަތީޖާ،" ސަލީމް ވިދާޅުވި އެވެ."ކިތައް ރަށް އެބައޮތްތޯ ފަޅު ރަށް؟ ގަންނާނެ ބައިވަރު މީހުން އެބަތިއްބޭ ކުޑަކުޑަ އަގެއްގައި ވިއްކާލީމާ. އެ ހުރިހާ ރަށެއް މި ފަސް އަހަރު ވިއްކާލީމާ ޑރ. މުއިއްޒު ހަމަ ރީތިކޮށް ހުންނާނެ ހަމަޖެހިލައިގެން، އެއްވެސް ކަހަލަ ފައިސާގެ އުނދަގޫ ކަމެއް ނާންނާނެ، ޑޮލަރުގެ ދަތިކަމެއް ނާންނާނެ. މި ހުރިހާ ފަޅެއް ވެސް ދެން އޮތް ތަނެއް ވެސް އަޅުގަނޑުމެންނަށް ވިއްކާލެވިދާނެ.ނަމަވެސް ސަލީމް ވިދާޅުވީ، އެއީ ގައުމަށް ޣައްދާރުވުން ކަމަށާއި އެ ކަން ނުކުރައްވާތީ ރައީސް ޑރ. މުއިއްޒަށް ޝުކުރު އަދާކުރަންޖެހޭ ކަމަށެވެ.އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް މިހާރު ވެސް އެބަ ހިނގަ އެވެ. އެކަމަކު، ވިދާޅުވީ، މަޝްރޫއުތައް ވެސް ހިންގޭނީ އިގުތިސާދީ ހާލަތަށް ބަލައި ވާ ވަރަކުން ކަަމަށެވެ.ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ކޮންމެ ކުންފުންޏެއް އޮތީ 3-6 ބިލިއަން ރުފިޔާއާ ދެމުގެ އަދަދަކުން ދަރާފައި ކަަމަށެވެ.ދައުލަތުގެ ކުންފުނިތަކަކީ ކޮންމެ ސަރުކާރެއްގައި ސިޔާސީ ބޭނުމަށް ވަޒީފާ އުފެއްދުމާއި އެހެނިހެން ކޮރަޕްޝަނުގެ އަމަލުތައް ހިންގާކަމުގެ ތުހުމަތުވާ ކުންފުނިތަކެކެވެ.މި ސަރުކާރުގެ އިސްލާހީ އެޖެންޑާގެ އެންމެ މުހިންމު އެއް މަސައްކަތަކީ ދައުލަތުގެ ކުންފުނިތައް އިސްލާހު ކުރުން ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެއެވެ.ރާއްޖޭގެ އިގުތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ސަލީމް ވިދާޅުވިއިރު، ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗުން ވެސް ވަނީ މި އަހަރާއި އަންނަ އަހަރު ރާއްޖެއިން ދައްކަންޖެހޭ ބޮޑު ދަރަނި ނުދެއްކިދާނެކަމުގެ ބިރުބޮޑުކަން މިދިޔަ ހަފުތާގައި ފާހަގަކޮށްފައެވެ. އަދި، ރާއްޖެއަށް ދީފައި އޮތް 'ސީސީ' ނުވަތަ 'ޖަންކް' ރޭޓިން ވަނީ ދަމަހައްޓައިފައެވެ.