ޚަބަރު
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މަންޑޭ ކޯޓުން ދޫކޮށްލައިފި
ކޭޕާކްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) --
ހުޅުމާލޭގައި ތަރައްގީ ކުރާ ކޭ-ޕާކު ރެސިޑެންސް ވިއްކުމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހެދި މައްސަލާގައި ދައުވާ އުފުލާފައިވާ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތަށް އެއްބާރުލުން ދޭން ޝަރުތުކޮށް ބަންދުން މިއަދު ދޫކޮށްލައިފި އެވެ.

ކޭޕާކް ހަދަމުން އަންނަ ހަންބޯ ކުންފުނީގެ ހިއްސާދާރެއް ކަމަށްވާ މަންޑޭ ފްލެޓް ވިއްކާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އޭނާގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާ ދައުލަތުން ކުރެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ޖުލައި މަހު ފެށި އެ ދައުވާތަކާ ގުޅޭ ގިނަ އަޑުއެހުންތައް ކުރިއަަކަށް ނުގެންދެވެ އެވެ.

އަޑުއެހުންތައް ގިނައިން ކެންސަލް ކުރަން ޖެހުނީ މަންޑޭ ޝަރީއަތަށް ހާޒިރުނުވާތީ އެވެ. އަޑުއެހުންތަކަށް ހާޒިރުވާން އުޒުރުވެރިވެ، ޑޮކްޓަރުގެ ލިޔުންތަކެއް ވެސް އޭނާ ހުށަހެޅި އެވެ.

އެކަމަކު މިދިޔަ މަހުގެ 23 ގައި ބޭއްވި އަޑުއެހުމުގައި ގާޒީ އަލީ ނަދީމް ވިދާޅުވީ، މަންޑޭ ކޯޓަށް ހާޒިރު ނުވެވޭ ފަަދަ ބައްޔެއް ހުރި ކަން ޑޮކްޓަރުގެ ލިޔުމުގައި ފާހަަގަކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ޝަރީއަތް ނިމެންދެން މަންޑޭ ބަންދުގައި ބަހައްޓަން ކޯޓުން އަމުރެއް ނެރުނެވެ.

ނަމަވެސް ކޭޕާކުގެ މައްސަލާގައި ބާއްވާ ޝަރީއަތުގެ ހުރިހާ އަޑުއެހުމަކަށް މަންޑޭ ހާޒިރުވާން ޝަރުތުކޮށް މިއަދު ބަންދުން ދޫކޮށްލާފައިވާ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ. ހެކިންނަށް ނުފޫޒު ފޯރުވައި ފިލާފާނެ ހާލަތެއް އޮތް ނަމަ އޭނާ އަލުން ބަންދުކުރުމުގެ އަމުރަކަށް އެދޭނެ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް މިއަދު އޮތް ޝަރީއަތުގައި ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް އޭނާ ޖަލު ބަންދުން ދޫކޮށްލަން އަމުރު ކޮށްފަ އެވެ.

މަމްދޫހްގެ މުދާތައް ވެސް ވަނީ ޝަރީއަތް ނިމެންދެން ހިފަހައްޓައިފަ އެވެ. މަމްދޫހުގެ މުދާތަކުގެ ތެރެއިން ހިފެހެއްޓި ތަކެތީގެ ތެރޭގައި އޭނާ އާއި އޭނާގެ އަންހެނުން ދިރިއުޅެމުންދާ ގާތްގަނޑަކަށް 8 މިލިއަން ރުފިޔާގެ އަގުހުރި ޕެންޓްހައުސް ވެސް ހިމެނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު