ސައީދު ޖެއްސެވި ހިސާބު ސުމެއް؛ ހުއްޓުމެއް ނެތި ޑޮލަރުގެ އަގު މައްޗަށް!
އިސްމާއިލް ރިޒާ
11 އޯގަސްޓް 2025 - 10:29
0 comments
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ރުފިޔާގެ އަގު ވެއްޓި، ޑޮލަރުގެ އަގު މިފަހުގެ ތާރީހެއްގައި ނުދާހާ މައްޗަށް މި ވަނީ ގޮސްފަ އެވެ. ކަޅު ބާޒާރުގައި މިއަދު ރޭޓަކީ ޑޮލަރެއް 20.20ރ. އެވެ.
މީ ދިވެހި ތާރީހުގައި ދުވަހަކު ވެސް ޑޮލަރުގެ އަގު މައްޗަށް ނުދާ މިންވަރެކެވެ، މީގެ ކުރިން ޑޮލަރުގެ އަގު އެންމެ ބޮޑަށް އުފުލުނީ 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑުގެ ހާލަތުގަ އެވެ. ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އެ ދުވަސްވަރު ވެސް ޑޮލަރުގެ އަގު 20ރ. ނާރަ އެވެ. މިދިޔަ ސަރުކާރުގައި ކުރިމަތިވި އެންމެ ބޮޑު އިގްތިސޯދީ ދަތިކަން ކަމަށްވާ ކޮވިޑް-19ގެ ވަބާގައި ޑޮލަރުގެ ރޭޓު އުފުލުނަ ނުދީ ހިފެހެއްޓުނު ކަމަށާއި، އެހެންކަމަށް ވާނަމަ މި ސަރުކާރަށް ޑޮލަރުގެ ރޭޓު އުފުލުން ނުހުއްޓުވޭންވީ ސަބަބެއް ނެތް ކަމަށް މިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިފަހުން ވަނީ ވިދާޅުވެފަ އެވެ.އަމީރު ވިދާޅުވީ ޑޮލަރުގެ ރޭޓު މިހާރު ގާތްގަނޑަކަށް 19 އަށް އެރިއިރު ޓޫރިޒަމުން ލިބޭ އާމްދަނީއާއި ޑޮލަރުން ލިބޭ އާމްދަނީ އިތުރު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓުތައް ހުއްޓިފައިވާ ކަމަށާއި ކޮންސްޓްރަކްޝަން އެއްވެސް މަސައްކަތެއް ނުކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.ފަތުރުވެރިން އައުން ފިޔަވައި ރާއްޖޭގެ އިގްތިސޯދު އެއްކޮށް ހުއްޓިފައިވާ ކަމަށް އަމީރު ތުހުމަތުކުރެއްވި އެވެ. އެހެންނަމަވެސް ޑޮލަރުގެ މާކެޓު ގޯސްވަމުންދާންޖެހޭ ސަބަބާ ގުޅޭގޮތުން އޭނާ ވަނީ ސުވާލު އުފައްދާފަ އެވެ.އަމީރު ވިދާޅުވި ގޮތުގައި އޭގެ އަސްލު ހަގީގަތަކީ، ދައުލަތުން އެކަންތައްތައް ކުރަން ތިބި ބަޔަކަށް އެކަންކަން ރަނގަޅަށް ކުރަން ނޭނގުމެވެ.ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު މަހެއްހައި ދުވަހުން ރާއްޖެއަށް ދިމާވެފައި އޮތް ޑޮލަރުގެ މައްސަލަ ހައްލުކުރުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު 13 ފެބުރުއަރީ 2024ގައި ވިދާޅުވި އެވެ. އެފަހުން މިއަދަށް އެއް އަހަރާ ފަސް މަސް ވީ އެވެ. ޑޮލަރުގެ އަގުދަށްވެ ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަތަނެއް ނާދެ އެވެ."އެމްއެމްއޭގެ އާ ގަވައިދުގެ ދަށުން ޑޮލަރުގެ އަގު އިތުރަށް ދަށްވެ، ކަޅު ފައިސާގެ ބާޒާރު ކުރިއަށް އޮތް ތަނުގައި ހީނަރުވެގެން ދާނެ ކަމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް ފެންނާތީ އެކަން އެގޮތަށް ލަފާ ކުރެވޭ ކަމުގައި އެ އޮތީ އެމްއެމްއޭއިން ވެސް ވިދާޅުވެފައި އަވަސް ފުރުސަތެއްގައި،" ރައީސް އޮފީހުގައި 21 އޭޕްރީލް 2025 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވި އެވެ. އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޑޮލަރުގެ އަގު މަތި ނުވާނެ ކަމަށާއި ދެން ދާނީ ތިރިއަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އަދިއަދަށް ވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެ އެވެ.ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްކުރާ ސޯޝަލް މީޑިއާ ގްރޫޕުތަކުގައި ވެސް ޑޮލަރު ގަންނަން އަދި ވިއްކަން ހުށަހަޅާ އަގުތައް އުޅެނީ ޑޮލަރެއް 20.13ރ. އާއި .20.20ރ. އާ ދެމެދުގަ އެވެ.މާލޭގައި ބޭރު ފައިސާ މާރުކޮށް ގަނެވިއްކާ ބައެއް ތަންތަނުން ބުނެފައިވާ ގޮތުގައި:- ޑޮލަރުގެ އަގުތައް ބޮޑުވަމުން ދަނީ ދުވަހަކަށް ފަހު ދުވަހެއް ބާޒާރުން ޑޮލަރު ލިބުން ދަތިވުމުން
- އެ ބަދަލު އަންނަން ފެށީ ރިސޯޓްތަކުން ޑޮލަރު މާރުކުރުން މަޖުބޫރުކޮށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ނެރުނު ގަވައިދާ ރިސޯޓްތަކުން ދެކޮޅު ހަދަން ފެށި ފަހުން
ޑޮލަރުގެ އަގު ބޮޑުވުމާއި އާއްމުންގެ ދިރިއުޅުމުގެ ހަރަދު ބޮޑުވުމާ ވަރަށް ބޮޑު ގުޅުމެއް އޮވެއެވެ. އެއީ, ރާއްޖެއަކީ އުފެއްދުންތެރިކަން ވަރަށް ދަށް ގައުމަކަށް ވުމުން އެންމެ އަސާސީ ތަކެތީން ފެށިގެން ބޭނުންވާ ހުރިހާ އެއްޗެއްސަކީ އިމްޕޯޓް ކުރާ ސާމާނެވެ. އެ މުދަލަށް ވިޔަފާރިވެރިން އަގު ދައްކަނީ ކަޅު ބާޒާރުން ޑޮލަރު ގަނެގެންނެވެ. އެހެންކަމުން ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވާ ވަރަކަށް މުދަލުގެ އަގު އުފުލޭނެއެވެ. މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ހަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެ އެވެ. ޑޮލަރުގެ މައްސަލަ ބޮޑުވެ، ވިޔަފާރިތަކަށް އެކަމުގެ އަސަރުކުރަން ފަށާފައިވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް މިފަހުން ވަނީ ބުނެފަ އެވެ.މަޓާޓޯއިން ނެރުނު ނޫސް ބަޔާނުގައި ބުނީ، ޑޮލަރު ލިބުން އުނދަގޫވެ، އިގްތިސާދީ ހަރަކާތްތައް ހިންގަން ދަތިވެފައިވާ ކަމަށެވެ."ޑޮލަރު މައްސަލަ އެހާ ބޮޑަށް ގޯސްވި އެއް ސަބަބަކީ، ބޭންކްތަކުގައި ބޭރު ފައިސާ ނުހުންނާތީ އެވެ. އެހެންވެ ބޭންކްތަކުން ވިޔަފާރިތަކަށް ފައިސާ ދޫކުރުމުގެ އެ ފައިސާ ދޫކުރަނީ ބޮންޑްގެ ގޮތުގަ އެވެ،" މަޓާޓޯއިން ބުންޏެވެ.މަޓާޓޯއިން ބުނީ، މި މައްސަލަ ހައްލު ނުވާ އެއް ސަބަބަކީ ސަރުކާރުން ގިނަ ހަރަދުތަކެއް ކުރާތީ އާއި ބޮޑެތި އަދަދުތަކުން ލޯނު ނަގާތީ ކަމަށެވެ.ޑޮލަރުގެ އަގު އުފުލެން ފެށީ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓު ބޭންކުތަކަށް މާރުކަރަން މަޖުބޫރުކޮށް ހެދި ގާނޫނު ތަންފީޒު ކުރަން ފެށި ފަހުންނެވެ.އެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއަށް ފަހު ޑޮލަރުގެ އަގު ދަށް ނުވެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ބާޒާރުގައި މުދަލުގެ އަގުތައް ވެސް ދަނީ ބޮޑުވަމުންނެވެ.ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރ. އެވެ. މިއަދު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ އެ ރޭޓަށްވުރެ 4.78ރ. ބޮޑުކޮށެވެ. މިއީ އެތައް ބަޔަކަށް ހައިރާންކަން ގެނުވި އަގެކެވެ. ސްކޫލް ބަންދާއި ހައްޖު މޫސުން ކަހަލަ ދުވަސްވަރު ދިވެހިން ޖެހެނީ ޑޮލަރު ފަހާ ދުވާށެވެ. ރާއްޖެ އަކީ މުޅި އުފެއްދުންތެރިކަން ތެލަށް ބަރޯސާ ވެފައިވާ، އަދި ކާބޯތަކެއްޗާއި އެހެނިހެން ހުރިހާ ސާމާނެއް ވެސް އިމްޕޯޓަށް ބަރޯސާ ވެފައިވާ ގައުމެކެވެ. ޑޮލަރުގެ އަގަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު އެކައްޗެވެ. އެ ގަންނަން ލިބޭ ވަރު ބޮޑުވާ ނަމަ، ކޮންމެ މުދަލެއްގެ އަގު، އަދި ކޮންމެ ހިދުމަތެއްގެ އަގު އެބަ ބޮޑުވެ އެވެ. ހަމައެއާ އެކު، ދައުލަތުން ކުރަން ޖެހޭ ހަރަދުތައް ވެސް އިންތިހާ އަށް އެބަ ބޮޑުވެ އެވެ. ޑޮލަރުގެ މައްސަލަ އަށް އަވަސް ހައްލެއް ބޭނުން ވަނީ ވެސް އެހެންވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ޑޮލަރުގެ ތާށިކަން ދުއްވާލި އެވެ. ކަޅު ބާޒާރުން ޑޮލަރު ގަންނަން ނުޖެހޭ ވަރަށް އެ ބާޒާރުގެ ބާރު ކަނޑުވާލި އެވެ. އެކަމަކު، ޔާމީންގެ ހިޔަނިން މި ސަރުކާރު ވެރިކަމަށް އައިސް، ދުވަސްތަކެއް ނުވެ ޑޮލަރުގެ އަގު އަނެއްކާ ވެސް އުފުލެން ފެށީ އެވެ. މި ސަރުކާރުން ވެރިކަމަށް އައީ ފުރަތަމަ ތިން މަސް ތެރޭ ޑޮލަރު ލިމިޓު ބޮޑުކޮށް، އޭގެ ފަހުން ލިމިޓު އުވާލާނެ ކަމުގެ ވައުދާއެކުގަ އެވެ. ނަމަވެސް އެ ބަދަލުތައް ތަންފީޒުކުރެވިފައި ނުވެ އެވެ. އެކަމަކު، އެ މައްސަލަ ހައްލު ކުރުމަކީ މި ސަރުކާރުން ވެސް އަބަދުވެސް ނިޔަތް ގަނެގެން އޮތް ކަމެކެވެ.
ކިޔުންތެރިންގެ ޝުއޫރު