ޚަބަރު
އެމްއެމްޕީއާރުސީ ހިޔާނާތުން 14 މިލިއަން ލިބުނު މީހުން ހެއްކާ އެކު ހޯދިއްޖެ: ނާޒިމް
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް:
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތުން ގެއްލުނު ރުފިޔާގެ ތެރެއިން 14 މިލިއަން ރުފިޔާ ލިބުނު މީހުން ހެއްކާ އެކު މިހާރު ހޯދިފައިވާ ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަކަށް ފަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކައިގެން ދައުލަތަށް 1.4 ބިލިއަން ރުފިޔާ ގެއްލިފައިވެ އެވެ.

އެމްޕީއެލަށް އެފްއެސްއެމުން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ ދިރާސާއަށް ފަހު އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށެވެ.

"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ، އެ ބޭނުންކުރި ފަރާތްތައް އަޅުގަނޑުމެންނަށް ވަނީ ހެއްކާއި ގަރީނާ އެކު ޝައްކެއް ނެތް މިންވަރަށް ހޯދިފައި،" ނާޒިމް ވިދާޅުވި އެވެ.

ނަމަވެސް، މާލިއްޔަތު ކޮމިޓީގައި ވެސް އިންނަވާ ނާޒިމް އޭގެ ތަފްސީލެއް މިއަދު ހާމައެއް ނުކުރައްވަ އެވެ.

ނާޒިމް ވިދާޅުވިގޮތުން ނަމަ، މިހާތަނަށް ހޯދިފައި މި ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިން ގެއްލުނު 1.4 ބިލިއަން ރުފިޔާގެ 1.04 ޕަސެންޓު ފައިސާއެވެ. މި މައްސަލައިގައި މިހާތަނަށް ކުށް ސާބިތުވާ ކަމަށް ކޯޓުން ހުކުމްކުރީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ މައްޗަށެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގެ ފަހުކޮޅު އަދީބަށް މައާފުދީ، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް, ވަނީ ދޫކޮށްލައިފައެވެ.

ނަމަވެސް މި ސަރުކާރުން ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ އަލުން ބަލަން ނިންމައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި މައްސަލައިގައި ޔާމީންގެ މައްޗަށް ދެ ފަހަރު ޖިނާއީ ހުކުމެއް އިއްވިއެވެ. އެގޮތުން ފަސް އަހަރުގެ ހުކުމަކާއި 11 އަހަރުގެ ހުކުމެއް ޔާމީންގެ މައްޗަށް އިއްވިއިރު، ދެ ހުކުމް ވެސް މަތީ ކޯޓުން ވަނީ ފަހުން ބާތިލްކޮށްފައެވެ.

އޭސީސީން އެމްއެމްޕީއާރުސީގެ މައްސަލަ ތަހްގީގުކޮށް 2019 ވަނަ އަހަރު ރިޕޯޓުގައިވާ ގޮތުން، ޚިޔާނާތުގެ ސަބަބުން 1.4 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވެއެވެ. އެމްއެމްޕީއާރުސީން ދޫކުރި 57 ރަށްރަށާއި ފަޅުތަކަށް ދައުލަތަށް ލިބެންޖެހޭ 77.4 މިލިއަން ޑޮލަރުގެ ތެރެއިން ލިބުނީ 12 މިލިއަން ޑޮލަރު ކަމަށް އެ ރިޕޯޓުގައި ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު