ޚަބަރު
އަސްލު އަޅުގަނޑުމެންގެ މުސާރައަކީ 42،500 ރުފިޔާ: އަލިފުށީ ދާއިރާގެ މެންބަރު
ރައީސް މުއިއްޒު އަރިހުގައި އަލިފުށީ ދާއިރާގެ މެންބަރު އަބްދުލް ލަތީފް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިވަގުތު ލިބެމުންދަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެން ނުވާ މުސާރައެއްގެ ގޮތުގައި މިއަދު ބޭއްވި އެ މަޖިލީހުގެ އާންމު ކޮމިޓީގައި ބައްދަލުވުމުގައި ބައެއް މެންބަރުން ވާހަކަ ދައްކަވައިފި އެވެ.

އެގޮތުން މެންބަރުންގެ ބައެއް ކަންބޮޑުވުންތައް ހުރުމުން އެ ކަންކަމާ މެދު މަޝްވަރާ ކުރަން މަޖިލީހުގެ އާންމު ކޮމިޓީ ބައްދަލުވުން ފަށަމުން މުގައްރިރުކަން ކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ފުރުސަތު ހުޅުވާލުމުން އަލިފުށީ ދާއިރާގެ މެންބަރު އަބްދުލްލަތީފް އަބްދުއްރަހުމާން ވަނީ އެމަނިކުފާނުގެ ކަންބޮޑުވުން ހިއްސާ ކުރައްވައިފަ އެވެ. 

"އާންމު ރައްޔިތުން ދެކޭ ގޮތުގައި މަޖިލިސް މެންބަރުންގެ މުސާރައަކީ އެއް ލައްކަ ރުފިޔާ ނުވަތަ 85،000 ރުފިޔާ. ހަގީގަތަކީ އަޅުގަނޑުމެންގެ މުސާރައަކީ 42،500 ރުފިޔާ. ހާޒިރު ނުވެ ސަލާމުގައި ހުންނަ ދުވަހެއް ވިއްޔާ މަޖިލީހުގެ މުސާރަ އެބަލިބިލައްވާ އެކަމު ކޮމިޓީ އެލަވަންސެއް ނުލިބޭ. އެކަމަށް ރިއާޔަތް ކުރައްވައި ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެކަން ފާހަގަކޮށްލަން،" އަލިފުށީ ދާއިރާގެ މެންބަރު އަބްދުލްލަތީފް އަބްދުއްރަހުމާން ކޮމިޓީގައި ވިދާޅުވި އެވެ.

އާންމު ރައްޔިތުން ގަބޫލުކުރަނީ މެންބަރުން މަޖިލީހަށް ހާޒިރު ނުވި ނަމަވެސް ބަރާބަރަށް މުސާރަ ލިބޭ ކަމަށާއި ނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށް އިތުރު މެންބަރަކު ވެސް ވިދާޅުވި އެވެ.

އާންމުންނަށް އެނގިފައި އޮންނަނީ މަޖިލީހުގެ މެންބަރުންނަށް ލިބެނީ ވަރަށް ބޮޑު މުސާރައެއް ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް ވެސް ވިދާޅުވި އެވެ. ނަމަވެސް، މަސް ނިމޭއިރު ކޮންމެ މެންބަރަކު ވެސް ތިބެނީ "ނުތަނަވަސް" ހިސާބެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ އެރީއާގައި ދިރިއުޅެން މި ޖެހެނީ. ލިބޭ އެލަވަންސަކަށް މި ލިބެނީ 20،000 ރުފިޔާ. އަޅުގަނޑުމެން މަޖިލިސް މެންބަރަކަށް ވީމައި އަދި އޭގެ ކުރިން ވެސް އުޅެން މި ޖެހެނީ އެންމެ ކުޑަމިނުން ތިން ރޫމް އެޕާޓްމަންޓެއްގައި. އެއި މިހާރު 24،000 ރުފިޔާ. މާނައަކީ 20،000 ރުފިޔާގެ އިތުރުން، އަތުން މިލަނީ 4،000 ރުފިޔާ،" ރިޔާޒް ވިދާޅުވި އެވެ.

މެންބަރުންގެ މުސާރަ އާ ގުޅޭގޮތުން މިދިޔަ ޖުލައި މަހު މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސެއްގައި ވެސް ގިނަ މެންބަރުން ބުނެފައިވަނީ މިހާރު ލިބޭ މުސާރަ އާއި އިނާޔަތައް ވެސް ކުޑަ ކަމަށެވެ. 

މިފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ފަށައިފަ އެވެ.

އޮންލައިންކޮށް ސޮއިކުރެވޭ މި ޕެޓިޝަންގައި ގޮވާލާފައި ވަނީ މެންބަރުންނަށް ދޭ ބޮޑު މުސާރަ އާއި އެހެން އިނާޔަތްތަކާ ހުރެ އިގްތިސޯދަށް އޮތް ގޮންޖެހުން ކުޑަކުރުމަށް އެ އިނާޔަތްތައް ކުޑަކުރުމަށެވެ.

މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނުގައި މަޖިލިސް މެންބަރުންނަށް ދޭ ކޮމެޓީ އެލަވެންސް އެއްކޮށް ކަނޑާލުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން:

  • މެންބަރުންނަށް ލިބޭ ޕްރިމިއަމް ހެލްތު އިންޝުއަރެންސް ކަނޑާލައި އާންމު ރައްޔިތުންނެކޭ އެއްހަމައަކުން އާސަންދައިގެ ހިދުމަތް ދޭން ވެސް ވަނީ ގޮވާލާފައި

  • ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ހުއްޓާލަން ވެސް އެ ޕެޓިޝަނުގައި ގޮވާލާފައިވޭ

ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން، މަޖިލިސް މެންބަރުން ކުރާ މަސައްކަތްތަކާ އެ ބޭފުޅުންނަށް ލިބޭ އާމްދަނީ ނުބައްދަލެވެ. މެންބަރުންގެ އާމްދަނީ އާންމު އެހެން ރައްޔިތުންނަށް އެވްރެޖުކޮށް ލިބޭ އާމްދަނީއާ ނުބައްދަލުކަން ފާހަގަކޮށް ބުނެފައިވަނީ އިގްތިސޯދަށް ދަތި ދުވަސްވަރެއްގައި މިއީ ތަފާތުކުރުން ބޮޑު، ބޭއިންސާފެއް ކަމަށެވެ.

މަޖިލީހުގެ މެންބަރެއްގެ މުސާރަ އާއި އެލަވަންސުގެ ގޮތުގައި މަހަކު 85،000ރ. ލިބެ އެވެ. މަޖިލިސް މެންބަރުންގެ މުސާރަ ކަނޑައަޅަނީ މެންބަރުން އަމިއްލަ އަށް ތަޅުމުގައި އަތް ހިއްލައިގެން ނެވެ.

ކިޔުންތެރިންގެ ޝުއޫރު
40%
20%
13%
27%
2 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު