ޚަބަރު
އަތޮޅު އުވާލަން އުޅުމަކީ ގައުމިއްޔަތުގެ އަސާސީ ސިފަޔެއް ނައްތާލުން: އަލީ ހުސެއިން
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން
އަތޮޅު އުވާލަން އުޅުމަކީ ދިވެހި ގައުމިއްޔަތުގެ އަސާސީ ސިފަޔެއް ނައްތާލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި އަތޮޅުތަކުން ކައުންސިލް ހޮވަން ވޯޓުލާން ނުޖެހޭނެ ކަމާއި އަތޮޅު ކައުންސިލްތައް އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އިއްޔެ އއ. މަތިވެރީގައި ވާހަކަ ދައްކަވަމުންނެވެ.

"ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލް ހޮވަން ވޯޓުލާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަތޮޅު ކައުންސިލްތައް އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރި ކުރެވި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ރަށު ކައުންސިލްތަކަށް މާރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

"މިސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ރައްޔިތުން ބާރުވެރިކުރުވަން،" ރައީސް ވިދާޅުވި އެވެ. 

ރައީސްގެ ވާހަކަތާކާއި ގުޅިގެން އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސިކުނޑިއާއި ބުއްދިއަށް ފެންނަ ގޮތާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އުވާލަން ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

"އަތޮޅު އުވާލަން އުޅުމަކީ ދިވެހި ގައުމިއްޔަތުގެ އަސާސީ ސިފަޔެއް ނައްތާލުން ކަމަށް ބުނުމުގެ ހައްގު މަށަށް އޮންނަންވާނެ." ގާނޫނީ ވަކީލު އަލީ ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެނެސްފައި ވާއިރު ކައުންސިލްތަކުގެ ސައިޒު ކުޑަކުރުން ފަދަ ބަދަލުތައް ގެންނަވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އެއީ މެންބަރުން މަދުކުރުމުގެ ގޮތުން، 2،000 އިން ދަށުގެ އާބާދީގެ ރަށްރަށުގައި ތިން މެމްބަރުންގެ ކައުންސިލެއް އަދި 2،000 އަށް ވުރެ އާބާދީ ބޮޑު ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހަމަޖެއްސުމެވެ.

އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވަން ވެސް އެ ރޭޝިއޯ ހަމަޖެއްސުން ހިމެނެ އެވެ. އެކަމަކު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާގެ މަގާމަށް މުޅި ރަށުގެ ރައްޔިތުން ވޯޓުލައިގެން މީހަކު އިންތިހާބުކުރާނެ ކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފަ އެވެ. އަދި އެއީ ފުލްޓައިމް ވަޒީފާއަކަށް ހަދަން ގާނޫނު އިސްލާހު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތައް އުވާލައިފި ނަމަ ޒަމާނުއްސުރެ ރާއްޖޭގައި އޮތް ދައުލަތުގެ އިދާރީ ހިންގުމުގެ އޮނިގަނޑަށް ވަރަށް ބޮޑު ބަދަލެއް ކުއްލިއަކަށް އަންނާނެ އެވެ. އަތޮޅު ކައުންސިލްތަކަކީ ޒަމާނުއްސުރެ ވެސް ދައުލަތުގެ އިދާރީ ހިންގުމުގައި އެކުލަވާލާފައިވާ އަދި މުހިންމު ދައުރެއް އަދާކުރި އަދި ބާރުވެސް ދީފައި އޮތް މުއައްސަސާއެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު