
އަލީ މިފަދައިން ވިދާޅުވީ އަތޮޅު ކައުންސިލް މިހާރު އިންތިހާބު ކުރަނީ އެއްވެސް މާނައެއް ނެތް ގޮތަކަށް ނޫން ކަމަށާއި އަތޮޅު ކައުންސިލުތަކުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނިކޮށެވެ."ކޮންމެ ކައުންސިލެއްގެ ރައީސް އަތޮޅު ކައުންސިލްގެ މެމްބަރަކަށް ހިމެނޭ. ދެން މި ހުންނަނީ އަތޮޅު ކައުންސިލްގެ ރައީސެއް. އަތޮޅު ކައުންސިލްގެ ބައްދަލުވުމެއް ގިނަ ފަހަރަށް އޮންލައިންކޮށް ނޫނީ ނުބޭއްވޭ ކައުންސިލްގެ ރައީސް ފިޒިކަލީ ހާޒިރުވާން ޖެހޭތީ." ރައީސް ވިދާޅުވި އެވެ.އެހެންކަމުން، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ސައިޒުން ކުޑަ އަދި އޭގެ ނަތީޖާ ނެރެވޭ ކައުންސިލްތަކަށް ބަދަލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.އަތޮޅު ކައުންސިލުތައް އުވައިލުމުގެ އިތުރުން، ރަށު ކައުންސިލުތަކުގެ ސައިޒު ކުޑަ ކުރުމަކީ ވެސް ސަރުކާރުގެ ސިޔާސަތެކެވެ. އެކަމަށް ގެންނަންޖެހޭ ބަދަލުތައް ވެސް ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފަ އެވެ. ސަރުކާރުން ބޭނުން ވަނީ 2000 މީހުން ހަމަނުވާ ރަށްރަށުގައި ކައުންސިލުގައި އެންމެ ތިން މެންބަރުން ބޭތިއްބުމަށެވެ.އޭގެ އިތުރުން ވެސް، ލާމަރުކަޒީ ނިޒާމުން ރަށްރަށާއި އަތޮޅުތަކަށް ލިބިދީފައިވާ މިނިވަންކަމާއި ބާރުތައް އަތުލުމުގެ އެތައް މަސައްކަތެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި، ވިޔަފާރި ކުރަން ލިބޭ މިނިވަންކަން ހަނި ކުރުމާއި ޕްރޮޖެކްޓު ހިންގާއި މުވައްޒަފުން ނަގަން ލިބޭ އަމިއްލަ ބާރު ވެސް ވަނީ ހަނިކޮށްފަ އެވެ.އެކަމާ ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ވިދާޅުވީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި ވަނީ އަތޮޅުތަކަކަށް ކަމަށެވެ. އެއީ ދިވެހިވަންތަ ސިފައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އަތޮޅު ކައުންސިލު އުވާލުން ރާއްޖެ އުފެދިފައިވާ ގޮތާ ދިމާ އިދިކީލި ކަމަށެވެ."އަތޮޅުތަކާއި އަތޮޅު ކައުންސިލްތައް އުވާލުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް. އަދި އެއީ ދިވެހިވަންތަކަމާ ދިވެހި ރާއްޖޭގެ ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތާއި ދިމާ އިދިކީލި ކަމެއް،" ލޯޔަރު އަލީ ވިދާޅުވި އެވެ.