ވިޔަފާރި
ވިލާއަށް 18 މަހުގެ ޓެކްސް ލުޔެއް ނުވަތަ 18 މިލިއަން ޑޮލަރު!؟
ވިލާގެ ކުންފުނީގެ ވެރިޔާ ގާސިމް
ގދ. ކާޑެއްދޫ އެއާޕޯޓް އަނބުރާ ހޯދަން ސަރުކާރުން ވިލާ އެއާއަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދެއްކުމަށް ނުވަތަ ވިލާ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހުގެ އެޖަސްޓްމަންޓެއް ހެދުމަށް ރައީސް އޮފީހުން ހުށަހަޅައިފި އެެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ.

އެކަމަކު، އެ އެއާޕޯޓް ވިލާ އަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ގައި ހުކުމްކުރި އެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. ހުކުމާ އެއްގޮތަށް، އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކުރީ މާޗު 2022ގަ އެވެ.

އޭގެ ފަހުން ވެސް އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށާއި އެއާޕޯޓު މަރަމާތު ނުކުރާތީ އެ ތަނުން ހިދުމަތް ހޯދާ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އެތަނުގެ ހާލަތު ގޯސްވެފައިވާތީ، ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ ބެލި އެވެ. އަދި މި ސަރުކާރުން ވަނީ ސަރުކާރުން އެތަނާ ހަވާލުވެ، ތަރައްގީ ކުރަން ބޭނުންވާ ކަން ހާމަކޮށްފަ އެވެ. އެކަމާ ގުޅޭ މަޝްވަރާތައް ވިލާ ކުންފުންޏާ އެކު ސަރުކާރުން ދިޔައީ ކުރަމުންނެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ކާޑެއްދޫ އެއާޕޯޓާ ގުޅުވައިގެން ވިލާ ކުންފުންޏަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރެއް އަޔަސް، ކާޑެއްދޫ އެއާޕޯޓަކީ ވިލާގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް "ތަރިކަ މުދާގަނޑެއް" ގޮތަށް ދީފައި އޮންނަ ފަދަ ތަނެކެވެ.

"[ގާސިމް] އެދިވަޑައިގަންނަވައިގެން ކޮންމެ ސަރުކާރަކުން ކާޑެއްދޫ އެއާޕޯޓު ގާސިމަށް ދެނީ. މިއަދު ކިހިނެއްތޯ މިވީ؟ ހިންގަން އުޅެއުޅެ ނުހިންގިގެން އެންމެ ފަހުން ސަރުކާރު ބޮލުގައި އަޅަން ޖެހުނީ،" ގާސިމް ވިދާޅުވި އެވެ.

"ތިރީސް މިލިއަން ޑޮލަރު. ކުޑަ އަދަދެއް ނޫން. ދައްކަން ހުރި ޓެކްސް ފައިސާ މައާފުކޮށްފައި ސަރުކާރުން އެ އެއާޕޯޓު ނެގީ. ކޮން ކަހަލަ ލަދު ހުތުރު ކަންތައްތޯ މިއީ؟"

ޔާމީންގެ މި ވާހަކަތަކަށްފަހު ކުއްލިއަކަށް އިކޮނޮމިކް ކައުންސިލުން ވިލާ ކުންފުންޏަށް ފޮނުވާފައިވާ ސިޓީ ރޭ ގާސިމް އެކްސްގައި ހާމަކޮށްފައިވާއިރު، އޭގައިވާ ގޮތުން ސަރުކާރުން ނިންމާފައިވަނީ އެއާޕޯޓް ސަރުކާރަށް ނެގުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު 18 މަސް ދުވަހަށް ބަހާލައިގެން ވިލާ ކުންފުންޏަށް ދިނުމަށެވެ.

ނުވަތަ ވިލާ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އިން 18 މަސް ދުވަހަށް ބަހާލައިގެން އެޖަސްޓްމަންޓެއް ހެދުމަށެވެ. އެ ދެ ގޮތުން ކުރެ، ވިލާ ކުންފުނިން އެދޭ ގޮތެއް އަންގައިދޭން ސަރުކާރުން ވަނީ އެދިފަ އެވެ.

މިހާރު ދައުލަތުން ހުށަހަޅާފައިވާ ދެ ގޮތުން ކުރެ ގޮތެއް ވިލާ އެއާއިން ހިޔާރުކުރި ކަމެއް އަދި މިހާތަނަށް އެނގިފައެއްނެތެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު