ޚަބަރު
ފްލޮޓީލާއަށް އިޒްރޭލުން ހުރަސްއެޅުން ރާއްޖެއިން ކުށްވެރިކުރައްވައިފި
ފްލޮޓީލާގެ ދަތުރުގައި ބައިވެރިވާ ބޯޓަކަށް އިޒްރޭލު ސިފައިން އަރަނީ
ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރާ ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ބޯޓުތައް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން އިޒްރޭލުން ހުރަސްއެޅުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފި އެވެ.

ގާތްގަނޑަކަށް 45 އުޅަނދު ހިމެނޭ ފްލޮޓީލާގެ ދަތުރުގައި އެކި ގައުމުތަކުގެ ސިޔާސީ މީހުންނާއި ގާނޫނީ ވަކީލުންނާއި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުންގެ 500 ވަރަކަށް މީހުން ހިމެނެ އެވެ.

އެ އުޅަނދުތައް ބައިނަލް އަގުވާމީ ކަނޑުގެ ސަރަހައްދުގައި ތިއްބާ އިޒްރޭލުން އެ އުޅަނދުތައް ހުއްޓުވައި އެކްޓިވިސްޓުން ހައްޔަރުކުރުމުން، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިޒްރޭލުގެ އެ އަމަލަކީ އަޅާނުލައި ދޫކޮށްލައިގެންވާނެ ކަމެއް ނޫން ކަމަށެވެ. މިހާރު ވެސް މިނިވަންކަމާއި ޒަރޫރީ ތަކެތިން މަހުރޫމްކޮށްފައި ތިބި ބަޔަކަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ގާފިލާއަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ ހުރިހާ ގާނޫނަކާ ހިލާފު ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އިޒްރޭލުން ތަކުރާރުކޮށް، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވަމުންދާ ދިއުމާ ދެކޮޅަށް، ނަތީޖާ ނެރެވޭ ފަދަ ފިޔަވަޅު އަޅަން އަޅުގަނޑުމެން [ދިވެހިރާއްޖޭން] ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލަން،" ރައީސް ވިދާޅުވި އެވެ.

އިންސާނީ ހައްގުތަކާއި އަމާންކަމާއި ރައްކާތެރިކަން ހޯދަން ކުރާ މަސައްކަތުގައި ރާއްޖޭން އަބަދުވެސް އެ މީހުންނާ އެކު ދެމި ތިބޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ގްލޯބަލް ސުމޫދު ފްލޮޓިއްލާއަކީ ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑުމަގުން ދަތުރު ކުރަމުންދާ ބޯޓުތަކެކެވެ. މި ބޯޓުތަކަށް އިޒްރޭލުން ވަނީ ހުރަސް އަޅައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު