ޚަބަރު
700 ސިޔާސީ ވަޒީފާއަކީ ރިޔާސީ ވައުދެއް ނޫން: މުންދު
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހަތްސަތޭކައަށް ވުރެ އިތުރު ނުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއް ނޫން ކަމަށާއި، އެއީ ހަމައެކަނި އިންތިގާލީ މަރުހަލާގައި ކަނޑައެޅި އަމާޒެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ތަރުޖަމާނު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް "ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ފެށި ސިލްސީ ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުމުގައި ތަރުޖަމާނު ވިދާޅުވީ ސިޔާސީ މުވައްޒަފުން 700 އަށް ވުރެ އިތުރު ނުކުރެއްވުމަކީ އިންތިގާލީ މަރުހަލާގެ ތެރޭގައި ހިފި އަމާޒެއް ކަމަށެވެ.

ސިޔާސީ މުވައްޒަފުންގެ މިހާރުގެ ސީދާ އަދަދު ހާމަނުކުރައްވައި މުންދު ވިދާޅުވީ، އެ އަދަދު މިހާރުވެސް ދަނީ ދުވަހުން ދުވަހަށް ބަދަލުވަމުން ކަމަށެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު ވެސް ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށް ހާއްސަ އެސެސްމަންޓެއް ކުރިއަށްގެންދާ ކަމަށާއި، މި އަހަރުގެ އެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

މި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެކަށީގެންވާ ނަތީޖާ ނުނެރެވޭ ފަރާތްތައް ވަޒީފާއިން ވަކިކުރުން ނުވަތަ އެހެން ވުޒާރާއަކަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަދަދު ވާހަކަ ދައްކަން ވާނީ އެ ހުރިހާ ކަމެއް ނިމުނީމައެވެ.

"މިސާލަކަށް އަޅުގަނޑަށް އެނގޭ ނަމަވެސް އަދަދެއް ދަންނަވައިފިއްޔާ ތިޔަބޭފުޅުން ރިޕޯޓު ކުރައްވާއިރު މާދަމާ އެ އަދަދެއް މަދުވެފައި އިނދެދާނެ." މިދިޔަ ދެ ހަފްތާގެ ތެރޭގައި ވެސް އަދަދުތައް މަދުވެގެން ގޮސްފި ކަން ފާހަގަ ކުރައްވައި މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދުކޮށް ނިމޭއިރު، މުވައްޒަފުންގެ އަދަދަކީ ކޮބައިކަން އާރުޓީއައިއެއް ހުށަނާޅާ ވެސް އާންމުންނަށް އެނގޭނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު