ޚަބަރު
މަސައްކަތްތެރީންނާ މެދު ގެންގުޅެނީ އަދުލުވެރި ސިޔާސަތެއް: ރައީސް
ރާއްޖޭގެ އެކި ދާއިރާތަކުގައި ހިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާ އެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ އަދުލުވެރި ސިޔާސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެެ. 

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ.

އެމަނިކުފާނު ވިދާޅުވީ ސްކޫލް ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ގާއިމުކޮށް، ގައުމަށް މުހިއްމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފަށައި، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީ އާއި ލުއިލޯނު ދިނުން އިތުރުކޮށްފައިވާ ކަމަށެވެ. އަދި ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ބޮޑެތި އީ-ކޮމާސް މަންސަތަކާއެކު ފެށި މަސައްކަތުގެ މޭވާ ލިބެން ފަށާފައިވާ ކަމުގައި ވިދާޅުވި އެވެ. 

"އެއްވެސް ޒުވާނަކު ބާކީވިޔަ ނުދީ ފިސާރި ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކައި ފެށި ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީން ފުރިހަމަކޮށް، ޒިންމާދާރު ވަޒީފާތަކަށް ދަރީން ނުކުންނަމުން އެ ދަނީ އާއިލާތައް ހިނިތުން ކުރުވަމުންނެވެ. ދުނިޔޭގެ ބާޒާރުން ދިވެހި މަސައްކަތްތެރިންނާއި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް، ބައިނަލްއަގުވާމީ ބޮޑެތި އީ-ކޮމާސް މަންސަތަކާ އެކު އަޅުގަނޑުމެން އިސްނެގި މަސައްކަތުގެ މޭވާ ލިބެން ފަށައިފި އެވެ،" ރައީސް މުއިއްޒުގެ ހިތާބުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސައްކަތެއް ނުލިބި ހަވާސާ ވެގެން ދިއުން ކުޑަކުރުމަށްޓަކައި ޖަލުތަކުގައި ތިބޭ ގައިދީންނަށް ވެސް ސަރުކާރުން އަންނަނީ އެ ފުރުސަތު ފަހިކޮށްދެމުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދާކުރެވޭނެ ވަޒީފާތައް ހަމަޖައްސައިދިނުމުގެ ހާއްސަ ޕްރޮގްރާމް ހަލުވިކަމާ އެކު، ހިނގަމުން އަންނަކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އުމުރުން 65 އަހަރު ވުމަށް ފަހު ވެސް ވަޒީފާގައި އުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭން އަޅުގަނޑުވީ ރިޔާސީ ވައުދާ އެއްގޮތަށް ހުޅުވައިލެވިއްޖެ އެވެ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނުގެ ހިތާބުގައި ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރުމުގައި އިސްކަންދެެނީ ވެސް ގާބިލް ދިވެހި ކުންފުނިތަކަށް ކަމަށެވެ. އަދި މަސައްކަތްތެރިންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކީ ވެސް މި ސަރުކާރު ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކާބަފައިން ބިނާކުރި ދިވެހިވަންތަ ހަޟާރަތުގައި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި މުރާލިކަމުގެ އެތައްހާސް ނަމޫނާއެއް ފެންނާން އެބަހުރި ކަމަށެވެ. އަދި ޒަމާނާ އެކު ބަދަލުވެ، ބަވަނަވަމުންދާ ދުނިޔޭގައި އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިގުތިސާދެއްގެވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ދެމެހެއްޓުމަށް މުހިއްމު ރުކުނެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސްގެ ހިތާބު ނިންމަވާލެއްވީ ވަޒީފާ އާއި މަސައްކަތުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުންދީ، މަސައްކަތެއް ކުރެވޭނެ ކެރިކުޅަދާނަކަންހުރި ކޮންމެ ދިވެހި ރައްޔިތަކު އަމަލީ މައިދާނަށް ނިކުތުމަށް އިލްތިމާސްކުރައްވަމުންނެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު