ޚަބަރު
ސަަރުކާރު ބަދަލުކުރަން ކުރާ މަަސައްކަތަކީ ޑިމޮކްރަސީއަށް ދޭ ހަމަލާއެއް: ޕީއެންސީ
ސަަރުކާރު ބަދަލުކުރަން] ކުރާ މަަސައްކަތަކީ ޑިމޮކްރަސީއަށް ދޭ ހަމަލާއެއ ކަމަށް ވެރިކަން ކުރާ ޕީއެންސީން ބުނެފި އެވެ. 

ރޭ އާޓިފިޝަލް ބީޗަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި މި ސަރުކާރާ ދެކޮޅު މީހުން ފުރަތަމަ އެއްވިއިރު، ފުލުހުން އަންގާފައިވަނީ އެ ތަނުން އަމީނީ މަގުން ހިނގާލުން ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް ފުލުހުން ދިން ރޫޓަށް ބެލުމެއް ނެތި މުޒާހަރާގެ ބައިވެރިން ނުކުތީ މަޖީދީ މަގަށެވެ. ފުލުހުން ޝީލްޑާއެކު ތިބެގެން މަޖީދީ މަގު ބަންދުކޮށް، މުޒާހަރާ ރޫޅާލަން ޕެޕަސްޕްރޭ ޖަހައި ބާރުގެ ބޭނުންކުރި އެވެ.

މީހުންގެ ކަންފަތަށް އުނދަގޫވާ ޒާތުގެ ތޫނު އަޑެއް ފޮނުވާ، ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ)ގެ އެލާމެއް ވެސް ފުލުހުން ރޭ ބޭނުންކުރި އެވެ.

ފުލުހުންގެ އަމަލުތައް ދިފާއުކޮށް ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ހަގީގީ ސިޔާސީ ބަދަލު އަންނަން ޖެހޭނީ ޑިމޮކްރެޓިކް މުއައްސަސާތައް މެދުވެރިކޮށް ކަމަށާއި އެއީ ބިނާކުރަނިވި ބަހސްތަކުގެ ތެރެއިން ގޮސް ނަގާ ވޯޓަކުން ކަމަށެވެ.

"މަގުމައްޗަށް ހަވަރު އެއްވެ ހިންގާ ހަމަނުޖެހުމަކުން ނޫން. ހަމަނުޖެހުން އުފައްދައި ރައްޔިތުންގެ ނިންމުން އެ ފުށްމިފުށަށް ޖަހަން [ސަަރުކާރު ބަދަލުކުރަން] ކުރާ މަަސައްކަތަކީ ޑިމޮކްރަސީއަށް ދޭ ހަމަލާއެއް،" ޕީއެންސީގެ ބަޔާގައި ބުންޏެވެ.

ރޭޣޭ މުޒަހަރާގައި ހަަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށްް، ޕީއެންސީގެ ބަޔާނުގައި ބުނީ އެއްވުމުގެ ބައިވެރިން ކޮންޓްރޯލް ކުރަން ފުލުހުން ދެއްކި ޕްރޮފެޝަނަލް ކަަމަށް ތައުރީފުކުަރާ ކަމަށެވެ. ފުލުހުން މަސައްކަތް ކުރީ ގާނޫނާ އެއްގޮތަށް، ހާލަތާ އެކަށޭނަ ގޮތަށް ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ޕީއެންސީން މިމޭރުމުން ބަޔާނެއް ނެރުނު އިރު، އެމްޑީޕީގެ މުޒާހަރާ އަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ރޭ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ، ފުލުހުންގެ ޝީލްޑެއް މުޒާހަރާގެ ބައިވެރިން ގެންގުޅުމާއި ގަލާއި ފެންފުޅި ފަދަ ތަކެތި ފުލުހުންނާ ދިމާލަށް އުކާފައިވާތީ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީން ރޭ ބުނި ގޮތުގައި، އެފަދަ އަމަލެއް އެ ޕާޓީގެ މެމްބަރަކު ވެސް އަދި އެމްޑީޕީ އަށް ތާއީދުކުރާ ބަޔަކު ވެސް ނުހިންގާނެ އެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲގެ ހާއްސަ ދުއާއަކުން ރޭ ގެ އެއްވުން 12 ޖަހާކަންހާއިރު ނިންމައިލުމަށް ފަހު، އެމްޑީޕީގެ ގާނޫނީ ޓީމުން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޓީމުގެ ފަރާތުން ބުނީ، ރޭ ކުރިއަށް ގެންދިޔައީ ވެސް ނިންމައިލީ ވެސް "ސުލްހަވެރި އެއްވުމެއް" ކަމަށެވެ.

އެއްވުން ރޭ އެންމެ ހޫނުވި ވަގުތު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ އެއްވުމުގެ ބައިވެރިން ކުރިއަށް ދާން އުޅުނީ މަޖީދީ މަގުން ކަމަށާއި އެއީ ފުލުހުންނާ އެކު އެއްބަސްވި ގޮތެއް ނޫން ކަމަށެވެ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު