ޚަބަރު
ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީން ނެރެފި
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
ނަސްލު ނައްތާލުމުގެ ޖަރީމާ ފަލަސްތީނުގެ ޣައްޒާގައި ހިންްގާފައިވާތީ އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އެހެެން ބައެއް އިސް މީހުން ހައްޔަރުކުރަން ތުރުކީން އަމުރެއް ނެރެފި އެވެ.

ހައްޔަރު ކުރަން ލިސްޓްކޮށްފައިވާ 37 މީހުންގެ ތެރޭގައި އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒްއާއި، ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާ ބެން ގްވީރާއި، ސިފައިންގެ ވެރިޔާ ލެފްޓިނެންޓް ޖެނެރަލް އީޔަލް ޒާމިރު ހިމެނޭ ކަމަށް އިސްތަންބޫލްގެ ޕީޖީ އޮފީހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައިވެއެވެ.

ތުރުކީ ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރި ހަނގުރާމައިގައި ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތައް އޮފިޝަލުންގެ މައްޗަށް ތުހުމަތުކޮށްފައެވެ.

"އޮކްޓޯބަރު 17، 2023 ގައި އަލް އަހުލީ ބޭޕްޓިސްޓް ހޮސްޕިޓަލަށް ދިން ހަމަލާގައި 500 މީހުން މަރާލި. ފެބްރުއަރީ 29، 2024 ގައި އިސްރާއީލުގެ ސިފައިން ގަސްތުގައި ސިއްހީ ސާމާނު ނައްތާލި. ޣައްޒާ އޮތީ ހިސޯރުކޮށްފައި. އަނިޔާ ލިބުނު މީހުންނަށް އިންސާނީ އެހީ ދިނުމަށް އިންކާރު ކުރި،" ތުރުކީން ނެރުނު އަމުރުގައި ބުނެފައިވެއެވެ

އަމުރުގައި ހިމަނާފައިވާ ވަކިވަކި ޖަރީމާތަކުގެ ތެރެގައި ޣައްޒާގައި ތުރުކީން ބިނާކޮށްފައިވާ "ޓާކީ ޕެލަސްޓައިން ފްރެންޑްޝިޕް ހޮސްޕިޓަލް" އަށް މާޗް މަހު ދިން ހަމަލާ ހިމެނެ އެވެ.

ތުރުކީން ނެރުނު އަމުރަކީ ޕީއާރް ސްޓަންޓެއް ކަމަށް އިޒްރޭލުން ބުނި އިރު އެ އަމުރަށް ހަމާސް އިން ވަނީ ތައުރީފު ކޮށްފަ އެވެ.

ތުރުކީގެ އަމުރު އައިސްފައި މިވަނީ ނަތަންޔާހޫއާއި އިޒްރޭލުގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލާންޓް ހައްޔަރުކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނުތާ އަހަރެއް ފަހުންނެވެ.

އިޒްރޭލުން ޣައްޒާގައި ދެ އަހަރު ތެރޭ 67،000 މީހަކު ވަނީ ޝަހީދުކޮށްލައިފަ އެވެ. އަދި މުޅި ޣައްޒާ ބިމާ ހަމަވެ މުޅި ސިޓީ ބަނޑަށް ޖެއްސި އެވެ.

އެމެރިކާއާއި ގަތަރު އަދި މިސްރު މެދުވެރިވެގެން ކުރި މަސައްކަތުން މިވަގުތަށް ހަނގުރާމަ ހުއްޓާލާފައި އޮތް ނަމަވެސް އިސްރާއީލުން އަދިވެސް އަންނަނީ ޣައްޒާގެ ބައެއް ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު