ޚަބަރު
ރިޔާޒުގެ މަގާމު އިއާދަކޮށްދޭން ކޮމިޓީން ރައީސަށް ލަފާ އަރުވައިފި
ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެކުރި މައްސަލާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށް، ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުގެ 29 ގައި ވަކިކުރި މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމައިފި އެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ރައީސަށް އެ ލަފާ އެރުވީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެކަން ހާމަކުރީ އެ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ކޮމިޓީގެ ނައިބު މުގައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.

އެ ކޮމިޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައިވާ ގޮތުން މަހުމޫދު ރިޔާޒުގެ މަގާމު އިޔާދަކުރަން ރައީސަށް ލަފާއަރުވަން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ބައްދަލުވުމުގަ އެވެ. އަދި ކޮމިޓީގެ އެ ނިންމުން އާންމު ކުރަން ވެސް މިރޭގެ ބައްދަލުވުމުގައި ނިންމި ކަމަށް ބަޔާނުގައި ވެ އެވެ.

ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުން މަހުމޫދު ރިޔާޒު ވަކިކުރަން ރައީސް މުއިއްޒަށް 241 ކޮމިޓީން ލަފާއެރުވީ ހޯކްސް ކުންފުނީގެ ބޯޓެއްގައި ރާއްޖެ އަށް ގާނޫނާއި ގަވާއިދާ ހިލާފަށް ސިނގިރޭޓުތަކެއް އެތެރެކުރި މައްސަލަ އާއި ބޮންޑެޑްވެއާ ހައުސްއެއްގައި ހުރި ސިނގިރޭޓު ކާޓަންތަކެއް ކަސްޓަމްސް އަށް ނޭނގި ގާނޫނާއި ގަވާއިދާ ހިލާފަށް އެ ތަނުން ނެރުނު މައްސަލައެއްގަ އެވެ.

ފާހަގަކުރެވޭ ގޮތުގައި، ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި, ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް, މި މައްސަލައިގައި ވަކިކުރި ރިޔާޒު، ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ވިދާޅުވެފައިވެއެވެ.

އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށް، އެ ދުވަހު އޭނާ ވިދާޅުވިއެވެ.

އަދި އޭނާގެ ނަޒާހާތްތެރިކަމަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގެން، ކުރިއަށް އޮތްތަނުގައި ވެސް އޭނާ ހުންނަވާނީ ހިފަހައްޓަވާ ރަނގަޅު އުސޫލުތަކުގައި ކަމަށް ރިޔާޒުގެ މެސެޖުގައިވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު