ޚަބަރު
މާފަރު އެއާޕޯޓު އިތުރަށް ބޮޑުކުރަން ބަޔަކާ ހަވާލުކޮށްފި
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ވަނީ ޗައިނާގެ ހުނާން ނަންބަރު 6 އިންޖިނިއަރިން ކުންފުންޏާއި އެ މަސައްކަތް ހަވާލުކޮށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން، މާފަރު އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމަށް ދެ ބުރީގެ އާ އިމާރާތެއް އަޅާނެ އެވެ. އާ ޓާމިނަލް އިމާރާތުގައި ސީއައިޕީ ލައުންޖަކާއި ފަސިންޖަރުންނަށް ހާއްސަ ލައުންޖެއްގެ އިތުރުން އޮފީސް ޖާގަ ވެސް އިތުރު ކުރާނެ އެވެ.

އެ މަސައްކަތް 10 މަސް ތެރޭގައި ނިންމާނެ ކަމަށް މޯލްޑިވިއަން އިން ބުންޏެވެ.

މިދިޔަ ޖުލައި މަހު މާފަރު އެއާޕޯޓު ވަނީ އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކޮށްފަ އެވެ. އެ އެއާޕޯޓުގެ ރަންވޭ 2،850 މީޓަރަށް ބޮޑު ކުރުމާ އެކު، މިހާރު ވައިޑް-ބޮޑީ މަތިންދާބޯޓުތަކަށް ޖެއްސޭނެ އެވެ. މަތިންދާބޯޓުތައް ޕާކު ކުރާނެ އިތުރު ޖާގަ އާއި ޖެޓްތަކަށް ހިދުމަތްތައް ދޭނެ ޖާގަ ވެސް ވަނީ އިތުރުކޮށްފަ އެވެ

ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ ޕްރައިވެޓު ޖެޓު ޖައްސާ އެއާޕޯޓުގެ ޕާކިން ޖާގަ އިތުރު ކުރުމަށް މިހާރު ވެސް މަޝްރޫއެއް ކުރިއަށް އެބަދެ އެވެ. އެ މަޝްރޫއު ނިމުމުން މާފަރު އެއާޕޯޓުގައި އެއްފަހަރާ 30 ޖެޓަށް ޕާކު ކުރެވޭނެ އެވެ.

އައިލެންޑު އޭވިއޭޝަނުން ބުނީ ނ. އަތޮޅާއި މުޅި އެ ސަރަހައްދުގެ ތަރައްގީގައި ވެސް މުހިއްމު ދައުރެއް އަދާކުރާނެ މާފަރު އެއާޕޯޓަށް ބޭރުގެ އެއާލައިންތަކުގެ ދަތުރުތައް ފެށުމަށް އެއާލައިންތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ އެހީގައި ތަރައްގީ ކުރި އެއާޕޯޓެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު