ޚަބަރު
ފުލުހުން އަދަދު ރެއިޑުކުރުން ؛ އިދިކޮޅު ސިޔާސީން ދެކޭގޮތް!
އަދަދުން ފަށައިފައިވާ ލައިވްގެ ތެރެއިން: ފުލުހުން އޮފީހަށް ވަނީ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި
އޮންލައިން ނޫހެއްކަމަށްވާ "އަދަދު"ގެ އޮފީސް ހިންގަމުން އަންނަ އިމާރާތުގެ ތެރެއަށް ކުއްލިއަކަށް ފުލުހުން ރޭ ވަދެ، ރެއިޑުކޮށް އެ ނޫހުގެ ތަކެތި ބަލައިފާސްކުރި މައްސަލައިގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވެރިން އެކަން ކުށްވެރިކޮށްފި އެވެ.

އެގޮތުން ފުލުހުން އަދަދު ރެއިޑުކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން މިއަދު ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

"މީޑިއާ ކުށްވެރި ނުކުރައްވާ، އަމަލުތައް އިސްލާހުކުރައްވާ،" އެ މަނިކުފާނުގެ މެސެޖުގައިވެ އެވެ.

ފުލުހުން އަދަދު ރެއިޑުކުރި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރަމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މިއީ މިނިވަން މީޑިއާތަކަށް ދޭ ހަމަލާއެއް ކަމަށާއި، ސަރުކާރުގެ ބޭނުމަކީ މީޑިއާތަކަށް ބިރުދެއްކުން ކަމަށެވެ. 

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، މިއީ ރައީސް މުހައްމަދު މުއިއްޒު ގޮސްހުސްވެވަޑައިގެން، ފުލުހުން ބޭނުންކޮށްގެން ދެކޮޅު އެންމެންގެ ދޫތައް ބަންދުކުރުން ކަމަށެވެ.

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު ވެސް ވަނީ މި މައްސަލާގައި އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަމުން ދަނީ ބާރުގެ ބޭނުންކޮށްގެން މުއިއްޒުއަށް ކުރާ ތުހުމަތުތައް އޮއްބާލުމުގެ ބޭނުމުގައި ކަމަށް ވިދާޅުވެފަ އެވެ. 

 

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ނަޝީދު ރޭ ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި އެ މަނިކުފާނު ވަނީ އެ މައްސަލައަށް އިޝާރާތްކުރައްވައިފައެވެ. އެގޮތުން، ފުލުހުން އަަދަދު ނޫހުގެ އޮފީހަށް ވަދެފައިވާކަން، ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ފާހަގަކުރެއްވި ކަމަށް ވިދާޅުވި އެވެ.

އަންނީ ވިދާޅުވީ"އެހެންނަމަވެސް ދަންނަވަންތޯ! ނޯ! އަޅުގަނޑުމެންނާ ދިމާކުރަން ނަހައްދަވާތި، ވަޑައިގެން ތިޔަ ކަންތައްތައް ކުރައްވަން ނަހައްދަވާތި، ނޫސްވެރިކަމުގެ މިނިވަންކަން ނަގާލަން ނުހައްދަވާތި، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން، އަޅުގަނޑުމެން ދާނީ ކުރިއަށް، ވަރަށް ބާރަށް ކުރިއަށް" ކަމަށެވެ.

އެއް ބަޔަކު މި ކަން ގޯސްކުރަމުން އަންނައިރު ސޯޝަލް މީޑީއާގައި ބައެއް މީހުން ވަނީ އަދަދު ބަންދުކޮށް، އަދަދުގެ ނޫސްވެރިން ހައްޔަރުކުރަން ވެސް ގޮވާލާފަ އެވެ.

އަދަދު ނޫހަކީ ސަރުކާރުގެ އެކި ނިންމުންތަކާއި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅޭގޮތުން ގިނަ ރިޕޯޓުތަކެއް ޝާއިއުކުރަމުންދާ ނޫހެކެވެ.

"އަދަދު" ނޫހުން ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުން ރޭ ވަނީ ކޯޓު އަމުރަކާއެކު އެ ނޫހުގެ އޮފީހަށް ވަދެފަ އެވެ. އެ އަމުރުގައިވާ ގޮތުން ފުލުހުން ވަދެފައިވަނީ މީހަކު ދިން އިންޓަވިއުއަކަށް ބިނާކޮށް ހަދައިފައިވާ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި ކަމަށް އެ ނޫހުގެ ނޫސްވެރިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު