ޚަބަރު
ޕީއެންސީގެ ޖަލްސާއަށް މިރޭ ހެންވޭރުގެ ގިނަ މަގުތަކެއް ބަންދު ކުރަނީ
ސަރުކާރު ހިންގާ ޕީއެންސީން މާލޭގައި މިރޭ ހާއްސަ ޖަލްސާއެއް ބާއްވާ އާޓިފިޝަލް ބީޗް ސަރަހައްދުގެ ގިނަ މަގުތަކެއް އިރު އޮއްސި 6:00 އިން ފެށިގެން ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި، މިރޭގެ ޖަލްސާ އާއި ގުޅިގެން ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތައް ވަނީ ހިއްސާކޮށްފަ އެވެ.

އެގޮތުން ޖަލްސާ ކުރިއަށްދާއިރު، ސަލްމާން މިސްކިތުން ފެށިގެން ޒިތޫނީ ކެފޭ އާއި ހަމައަށް ބޮޑުތަރުފާނު މަގަށް އެއްވެސް އުޅަނދަކަށް ނުވަދެވޭނެހެން ބަންދުކުރަން ފުލުހުން ވަނީ ނިންމާފަ އެވެ.

އަދި، ހެންވޭރު ޕެޓްރޯލް ސްޓޭޝަނުން ފެށިގެން ރާޅުގަނޑު ސަރަހައްދާއި ހަމައަށް އަދި މަޖީދީ މަގާއި ސޯސަން މަގު ބެދޭ ކަންމައްޗާއި ހަމައަށް ހިމެނޭ ސަރަހައްދުގެ މަގުތަކަށް ހަތަރުފުރޮޅުލީ އުޅަނދުތައް ވަނުން ފުލުހުން ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގެ ހުރިހާ ރަށަކުން ހެން މީހުން ގެނެސްގެން ޕީއެންސީން މިރޭ ޖަލްސާ ބާއްވަނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށެވެ. ޖަލްސާގައި ބައިވެރިވުމަށް، އިއްޔެއިން ފަށައިގެން އެ ޕާޓީގެ ސަޕޯޓަރުންނާއި ސަރުކާރުގެ ވަޒީފާތަކުގައި ތިބި ގިނަ ބަޔަކު ދަނީ މާލެ އަންނަމުންނެވެ.

ސަރުކާރަށް ތާއީދު އޮތް މިންވަރު ދެއްކުމަށްޓަކައި މިރޭ ޕީއެންސީން ބޮޑު އެއްވުމެއް ބާއްވާއިރު މިދިޔަ މަހު އިދިކޮޅު އެމްޑީޕީން ވެސް ވަނީ އާޓިފިޝަލް ބީޗުގައި ބޮޑު އެއްވުމެއް ސަރުކާރާ ދެކޮޅަށް ބާއްވައިފައެވެ. އަދި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅުވައި މިމަހުގެ 17 ވަނަ ދުވަހު ވެސް އެއްވުމެއް ބާއްވާނެކަން އެމްޑީޕީން ކުރިން އިއުލާން ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެ އެއްވުން ފަސްކުރިކަން އިއުލާން ކޮށްފައެވެ.

ޕީއެންސީން މިރޭ ބޮޑު ޖަލްސާއެއް ބާއްވާއިރު އެ ޕާޓީއާ އެންމެ ވާދަވެރި, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޕީއެންއެފްއިން ވެސް މިރޭ ކުއްލި ޖަލްސާއެއް ބާއްވާނެކަން މިއަދު ވަނީ އިއުލާން ކޮށްފައެވެ. އެ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗް ކައިރި ހުންނަ ޔާމީންގެ ގެކޮޅުގައެވެ.

ޔާމީންގެ ޕާޓީން ރޭ ވެސް ވަނީ ޖަލްސާއެއް ބާއްވައިފައެވެ. މިރޭގެ ޖަލްސާއަކީ ޕީއެންސީގެ ޖަލްސާއާ ގުޅުވައި ބާއްވާ ކުއްލި ޖަލްސާއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު