
އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.މި ބިލް ދިރާސާކުރި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބިލް ފާސްކުރީ ކޮމިޓީއަށް ހާޒިރުވަޑައިގެން ތިއްބެވި 62 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްްވީ ބިލް ފާސް ނުކުރުމަށެވެ.ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލުތައް އިންތިހާބުކުރަން ނުޖެހޭ ގޮތަށް ހެދުމަށެވެ.އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގައި ބޭކާރު ފަށަލައެއްގެ ގޮތުގައި ސިފަ ކުރައްވައި، އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮގަސްޓު މަހު ވިދާޅުވެފަ އެވެ.ރައީސް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ ކަމަށެވެ."އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރި ވަނީ. ކޮންމެ ރަށެއްގެ ރަށު ކައުންސިލް ދެން މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ޑައިރެކްޓްލީ. އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.