ޚަބަރު
ކުޑަކުދިންނާ ބެހުނު ކަމަށް ބެލެވޭ ސަނީ އުމަރު އެއާޕޯޓުން ހައްޔަރުކޮށްފި
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ސަނީ އުމަރު: އޭނާ މިރޭ ވަނީ ހައްޔަރު ކޮށްފައި
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ފަހުން އޭނާ ފުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންގޮސްފި އެވެ.

މޯލްޑިވްސް ހަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއެއް ހިންގާ އަދި ދާއިރާގެ ހަބަރުތައް ގެނެސްދޭ މީޑިއާތައް ހިންގާ ސަނީ އުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކެއްގެ ވާހަކަ މީޑިއާގައި ފެންމަތިވެފައިވަނިކޮށް އާއިލާ އިން ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފަ އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ސުވާލު ކުރުމަށް އޭނާ ވަނީ މިއަދު ފުލުހުންގެ އެފްސީޕީއަށް ހާޒިރުކޮށްފަ އެވެ.

އެ މައްސަލަ ފަޅާއެރުމުން ސަނީ އުމަރު ރާއްޖެ ދޫކޮށް މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާއަށް ދިޔަ އެވެ. އޭނާ މިއަދު ފުލުހަށް ހާޒިރުކުރީ އަނބުރާ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

ސަނީ ހައްޔަރު ކުރީ، ފުލުހުން ބުނި ގޮތުގައި، ފުލުހަށް ހާޒިރުކޮށް ސުވާލު ކުރި ފަހުން، އަނެއްކާވެސް ރާއްޖެ ދޫކޮށް ފުރަން އުޅެނިކޮށް އެއާޕޯޓުންނެވެ.

ބައެއް މީޑިއާތަކުގައިވާ ގޮތުން ތުހުމަތު ކުރެވޭ ގޮތުގައި ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެ މީޑިއާތަކުގައިވެއެވެ. އަދި މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން ސަނީ ފުރައިގެން ދިޔައީ އިންޑިއާގެ ނިއުދިއްލީއަށެވެ.

ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ސަނީ ނިސްބަތްވާ ޓްރެވަލް ގާއިސްއިން މިދިޔަ ހޮނިހިރު ދުވަހު ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ.

އަދި ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ދިނެވެ.

ޔުނިސެފުން ހަދާފައިވާ ދިރާސާތަކުން އެނގޭ ގޮތުގައި ރާއްޖޭގެ ކޮންމެ ތިން އަންހެން ކުދިންގެ ތެރެއިން އެއް ކުއްޖަކު ޖިންސީ ގޯނާއާ އޭނާގެ ހަޔާތުގައި މަދުވެގެން އެއް ފަހަރު ކުރިމަތިލާންޖެހެ އެވެ. ރާއްޖޭގެ ކުޑަކުދިންގެ ތެރެއިން 15 ޕަސެންޓު ކުދިން ޖިންސީ ގޯނާގެ ޝިކާރައަށްވެފައިވާ ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު