ޚަބަރު
ޖިންސީ ގޯނާގެ ތުހުމަތު ކުރާ ސަނީ އުމަރުގެ ބަންދަށް 30 ދުވަސް ދީފި
ސަނީ އުމަރު: އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހައިފައި
އަނބިމީހާގެ އާއިލާގެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކުރެވޭ ސަނީ އުމަރުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ދީފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ސަނީ އުމަރު 30 ދުވަހަށް ބަންދުކޮށްދިނުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އެ ހުށަހެޅުމާ އެއްގޮތަށް ކޯޓުން ވަނީ ސަނީގެ ބަންދަށް 30 ދުވަސް ޖަހައިފަ އެވެ.

މައްސަލައިގެ ތަހުގީގަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދު މުއްދަތު އިތުރުކުރަން އަދި ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދެން ގަސްދުކުރާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ބައެއް މީޑިއާތަކުގައި ތުހުމަތުކޮށްފައިވާ ގޮތުން ސަނީ ވަނީ އޭނާގެ އަނބިމީހާގެ އާއިލާގެ ތިން ކުއްޖަކަށް ޖިންސީ ގޯނާކޮށްފައެވެ. އޭގެ ތެރެއިން އެއް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށް އެ މީޑިއާތަކުގައިވެއެވެ.

މީޑިއާ ރިޕޯޓުތަކުގައި ވާގޮތުން ސަނީ ފުރައިގެން ދިޔައީ އިންޑިއާގެ ނިއުދިއްލީއަށެވެ.

ސަނީއަށް ކުރެވޭ ތުހުމަތުތަކަކީ ސީރިއަސް ތުހުމަތުތަކެއްކަން ފާހަގަކޮށް ސަނީ ނިސްބަތްވާ ޓްރެވަލް ގާއިސްއިން މިދިޔަ ހޮނިހިރު ދުވަހު ބުނީ، އެއީ އެ ކުންފުނިން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށެވެ. އަދި، ސަނީއަށް ތުހުމަތުކުރެވޭ އަމަލުތަކަކީ އެ ކުންފުނީގެ ހިންގުމާއި ހަމަތަކާ ގުޅުންހުރި އަމަލުތަކެއް ނޫން ކަމަށް ބުނެ، އެ މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ވެސް ދަ ޓްރެވަލް ގާއިސްއިން ދިނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު