
ނިމުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ފަސް އަހަރުތެރޭ ހއ. ހޯރަފުށި ދާއިރާއަކީ ބޮޑެތި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގާފައިވާ ދާއިރާއެކެވެ. އެގޮތުން ވައިގެ މަގުން ހޯރަފުށި ވެރިރަށާއި ގުޅުވާލި ހޯރަފުށީ އެއާޕޯޓް ޕްރޮޖެކްޓް ފާހަގަކޮށްލެވެ އެވެ. އަދި ހޯރަފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަން ފެށުނެވެ. ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް އަމަލީ މަސައްކަތް ފެށި އެވެ. ރަށުގައި އެޅި އެއާޕޯޓާއެކު ދާއިރާގެ އަދި މުޅި އުތުރުގެ އެތައް ބައެއްގެ ޖީބަށް ބުރަވެފައިއޮތް ތަކުލީފަށް ނިމުމެއް ގެނުވި އެވެ. ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ "ބޮޓްލިން ޕްލާންޓު ފެކްޓްރީއެއް" ހަދަން މުޅިން އާ އިމާރާތެއް އިމާރާތްކޮށް އެތަނަށް ބޭނުންވާ ސާމާނު ހޯދައިދީ ފެނަކަ އަށް އެމަސައްކަތް އަމަލީ ގޮތުން ހިންގަން ހަވާލުކުރި އެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބޭތިއްބުމަށް ޖުވެނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް އެއް މުޅިން އަލަށް އިމާރާތްކޮށް ނިންމާ ދެއްކި އެވެ. މިފަދަ ކިތަންމެ ތަރައްގީގެ މަޝްރޫއުތަކެކެވެ. ހަމަ އެގޮތުން އެ ދާއިރާގައި ހިމެނޭ ތިން ރަށް ކަމަށްވާ އުލިގަމާއި ހޯރަފުއްޓާ ތުރާކުނުގައި ބާވެ ބޭނުންނުކުރެވޭ ފެންވަރުގެ އެތައް އިމާރާތެއް އާ ކުރުމުގެ މަސައްކަތާއި، ކުޅިވަރުކުޅެވޭނެ ތަންތަނާއި އައުޓް ޑޯ ޖިމްތައް ވަނީ ގާއިމުކޮށްފަ އެވެ. ތަރައްގީގެ މަޝްރޫއުތައް ހޯރަފުށި ދާއިރާގައި ހިންގާލެއް ގިނަވެ އެއިރު ރައްޔިތުން މަޖިލީހުގެ ބައެއް އެހެން ދާއިރާތަކުގެ މެންބަރުވެސް އެ ވާހަކަ ތަޅުމުގައި ދެއްކެވި އެވެ.