ޚަބަރު
ހިޖުރަކުރާ ދޫނިތައް ހިފާ މީހުން ރިޕޯޓުކުރަން އެދެފި
ފުނަދޫ ކުޅީގައި ފުލެމިންގޯތަކެއް -- ފޮޓޯ: ތަންނި ފޮޓޯ ގްރަފީ
އިރުވައި މޫސުމާ ދިމާކޮށް، ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފާ މީހުން ރިޕޯޓުކުރުމަށް އެންވާރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން އެދެފި އެވެ.

އީއާރްއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިރުވައި މޫސުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބާވަތްތަކުގެ މޫސުމީ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމަށާއި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދިރުންތަކެއް ކަމަށެވެ.

"މިފަދަ ދޫނި ހިފާ އެތަކެތި ގެންގުޅުމަކީ މި ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން މަނާ ކުރެވިފައިވާ ކަމެއް" ބަޔާނުގައިވެ އެވެ.

ގަވާއިދާ ހިލާފަށް މިފަދަ ދޫނިތައް ހިފައިގެން ގެންގުޅެ އަދި އެ ދޫނިތައް ގަނެވިއްކާ، އެ ތަކެތީގެ ވިޔަފާރިކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރާނެ ކަމަށް އީއާރުއޭ އިން ބުންޏެވެ.

އެފަދަ މައްސަލައެއް ފާހަގަވެއްޖެ ނަމަ އީއާރުއޭގެ ހޮޓްލައިން ނަންބަރު 7980379 އަށް ގުޅުމަށް ނުވަތަ secretariat@era.gov.mv އަށް އީމެއިލް ކުރުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ހިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭ ގޮތުން އެ އޮތޯރިޓީން އަންގާ އެންގުންތަކާއި ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް ވެސް އީއާރުއޭ އިން އެދިފައިވެ އެވެ.

މިދިޔަ އަހަރުތަކުގައި ރާއްޖެ އަށް ވަނީ އެކި ބާވަތްތަކުގެ ދޫނި ހިޖުރަކޮށްފަ އެވެ. އޭގެ ތެރޭގައި ބާޒާއި ގުޑުގުޑާ ދޫނި ކަހަލަ ދޫނިތައް ހިމެނެ އެވެ. ރާއްޖެ އަށް ހިޖުރަ ކުރި ގުޑުގުޑާ ދޫންޏެއް ހިފައި އެ ވިއްކަން ވައިބާ ގްރޫޕެއްގައި ޖެހި މައްސަލައެއް 2021 ވަނަ އަހަރު ވަރަށް ބޮޑުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު