ޚަބަރު
އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކަށް ނުދޭނެ: އަމީން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް
ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ހިންގުން އިންޑިއާއާ ހަވާލުކުރުމަށް ދިވެހި ސަރުކާރުން ހުށަހާޅާފައިވާ ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކުރި ވާހަކަ ދިވެހި ސަރުކާރުން މިއަދު ދޮގުކޮށްފި އެވެ.

ދަ ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދިވެހި ސަރުކާރުން މިކަމަށް އެދި ހުށަހެޅި ޕްރޮޕޯސަލް ދިރާސާ ކުރުމަށް އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން މި ހަފުތާ ތެރޭ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއި) ގައި އެދިފައިވެ އެވެ.

އެ ނޫހުގައި އޮތް ހަބަރާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް, އެ ވާހަކަތައް ދޮގުކުރައްވައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް އެއާޕޯޓެއް ހިންގަން ބޭރުގެ ބަޔަކާ މި ސަރުކާރުން ހަވާލު ނުކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ އެއާޕޯޓެއް ހިންގަނީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން އެޕްރޫވް ކޮށްފައިވާ ދިވެހި އޮޕަރޭޓަރުންނެވެ. އެއާޕޯޓުތައް ހިންގުން އެ ނޫން ގޮތަކަށް، ކުރިއަށް ގެންދަން މި ސަރުކާރުގެ ސިޔާސަތެއް ނެތް ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

ހަނިމާދޫ އެއާޕޯޓަށް ބޮޑެތި ފްލައިޓްތައް ޖެއްސޭ ވަރަށް ތަރައްގީ ކޮށްފައިވީނަމަވެސް އަދި ބައިނަލްއަގުވާމީ އެއްވެސް އެއާލައިނަކުން ދަތުރުތަކެއް ނުފަށައެވެ. ދަތުރުތައް ނުފެށިގެން އުޅެނީ އެ ސަރަހައްދުގައި އެ ވަރަށް ޓޫރިސްޓް ބެޑް ނެތުމާއި ވިޔަފާރީގެ މުއާމަލާތްތައް އަދި ދަށްވީމައެވެ.

މީގެ 39 އަހަރު ކުރިން ހެދި ހަނިމާދޫ އެއާޕޯޓަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ ކުރިން، އެ އެއާޕޯޓުގެ ރަންވޭ ކުޑަކަމުން މިހާތަނަށް ޖައްސަމުން އައީ، އޭޓީއާރްއާއި ޑޭޝް މަރުކާގެ ބޯޓުތައް އެކަންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު