ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ކުރީގެ ނައިބް ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕީޖީ އޮފީހުން ވަނީ ފަޒީންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާކަން ޔަގީންކޮށްދީފަ އެވެ. އެއީ ޖިންސީ ގޯނާކުރުމާއި ނުރުހުމުގައި ގައިގައި އަތްލުމުގެ ދައުވާ އެވެ.މުވައްޒަފަކަށް ފުރައްސާރަކުރި މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. އެކަމާ ގުޅިގެން ފަޒީން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައި ވަނިކޮށް އޭނާ ވަނީ މިދިޔަ އަހަރުގެ މާޗް މަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން ފަޒީންގެ ވަކީލު އޭރު ނެރުއްވި ބަޔާނުގައި ބުނީ ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމުން ވެސް "ބުނި ބުނުން" ފިޔަވައި ގުޅުވާލެވޭނެ އިތުރު އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ދެއްކިފައި ނުވާ ކަމަށެވެ