ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހައި ކޯޓުން ކަނޑައަޅާ ފަނޑިޔާރަކަށް އެ ކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު މިއަދު އައްޔަންކޮށްފި އެވެ. 
ޖޭއެސްސީސީގައި ހައި ކޯޓުގެ ފަނޑިޔާރަށް ހާއްސަ ސްލޮޓް ހުސްވީ އެ މަގާމުގައި ހުންނެވި އެ ކޯޓުގެ އޭރުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.
އެއާ އެކު، އެ މަގާމަށް ހަސަން ޝަފީއު އިންތިހާބު ކުރިކަން، ހައި ކޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ހާމަކޮށްފަ އެވެ.ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑަައެޅި ޝަފީއު އެ ކޯޓުގެ ފަނޑިޔާރަކަށް ހަަމަޖެއްސީ އޮކްޓޫބަރު 4، 2020 ގަ އެވެ. އޭނާ ފަނޑިޔާރުކަމުގެ ތެރެއަށް ވަދެވަޑައިގަތީ ފެމިލީ ކޯޓުން އޮކްޓޫބަރު 27، 2013 ގަ އެވެ.
ފަނޑިޔާރު ޝަފީއު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ކޮމްޕަރޭޓިވް ލޯ އިން މާސްޓާސް ހައްދަަވައިފަ އެވެ.