ޚަބަރު
ދިވެހި އިގުތިސާދު އޮތީ ވެންޓިލޭޓަރުގައި: ޔާމީން
ޕީއެންއެފް ގައުމީ ޖަލްސާގައި ޔާމީން ވާހަކަދައްކަވަނީ - ފޮޓޯ: ޕީއެންއެފް
ދިވެހި އިގުތިސާދު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ކިރިޔާ ވެސް މަސައްކަތެއް ހިނގާނަމަ ޑޮލަރުގެ އަގު 25 ރުފިޔާއާ ހަމައަށް އުފުލޭނެ ކަމަށް ވިދާޅުވެ، އެއީ ރައްޔިތުން ތަހަންމަލުކުރާނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

އެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ ޑޮލަރުގެ އަގު މިހާރު ހުރީ 20.50ރ. ނުވަތަ 20.30ރ. ކަމަށާއި އިގްތިސާދު މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އިގްތިސާދު ވެންޓިލޭޓަރުން ނަގައި، އިގްތިސާދީ ހަރަކާތްތަކެއް ރާއްޖޭގައި ހިނގާނަމަ ޑޮލަރުގެ އަގު ހުންނާނީ 20.50ރ. ނޫން ކަމަށާއި އެއަށް ވުރެ މާ އަގުބޮޑުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިއަދު ހަރަކާތްތަކެއް ނުހިނގާ. ހުރިހާ ވިޔަފާރިތަކެއް ބަންދު. ރިއަލް އެސްޓޭޓެއް ނުހިނގާ، އެހެން ބޮޑު ކަމެއް ނުހިނގާ،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މިހާރު ޑޮލަރު ގަންނަނީ ރާއްޖޭން ބޭރަށްދާ މީހުންނާއި އާސަންދައިން ފައިސާ ނުލިބިގެން ބޭސް ފަރުވާއަށްދާ މީހުން ކަމަށެވެ. ހާއްސަކޮށް ވިޔަފާރިތައް ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން ޑޮލަރަށް އެހާ ބޮޑު ޑިމާންޑެއް މި ވަގުތު ނެތް ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވަ އެވެ.

"އެހެންވެގެން ޑޮލަރު 20 ގައި އެ އުޅެނީ. މިއީ އަސްލުގައި ޑޭމްޕެންޑް، ޑިޕްރެސްޑް ޑިމާންޑެއް. މި ދެންނެވި ކަހަލަ މަސައްކަތްތަކެއް މިތާ ކުރާ ކަމަށްވަންޏާ ޑޮލަރު މިހާރު އަތްފޯރާ ހިސާބަކު ނޫން ހުންނާނީ. 22، 23، 25 އާ ހަމައަށް އަރާނެ،" އިގުތިސާދީ ބަހުރުވައިން ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން އެހެން ކަންކަމުގައި ވެސް ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ކަންތައްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރާނަމަ ރައްޔިތުންނަށް އެ ތަކުލީފު ނުއުފުލޭނެ ކަމަށާއި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުން ވެސް އެކަން ފެންނަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު