އަލީ ރާޒީ
07 ފެބުރުއަރީ 2026 - 13:48
0 comments
އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި މައްސަލައާ ގުޅިގެން ރާއްޖެއިން ހިއްސާކުރި ކަންބޮޑުވުންތައް ބަލައިނުގަނެ އެ މައްސަލައަކީ ރާއްޖެއާ ބެހޭ މައްސަލައެއް ނޫން ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ބުނެފި އެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގު ގައުމަކީ ރާއްޖެ ކަމަށާއި އެހެންވެ އެތަން މޮރިޝަސްއާ ހަވާލުކުރަން އިންކާރު ކުރާ ކަމަށް ބުނެ ރާއްޖޭން އިނގިރޭސި ސަރުކާރަށް ދެ ސިޓީއެއް ފޮނުވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބުރާސްފަތި ދުވަހު ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮންނާނެކަން ގަބޫލުކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޯގަސްޓް 22، 2022 ގައި މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަން ރައީސް މުއިއްޒު ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ.
ނަމަވެސް ތުރުކީ ސަރުކާރުން ހިންގާ ނިއުސް އެޖެންސީއެއް ކަމަށްވާ "އަނަދުލު އަޖަންސީ" އިން މި މައްސަލާގައި އިނގިރޭސި ވިލާތުގެ ފޮރިން އޮފީހާ ސުވާލުކުރުމުން ބުނީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު މައްސަލަ އޮތީ މޮރިޝަސްއާ ދެމެދު ކަމަށެވެ.
"އެތައް ކޯޓަކުން، ހުކުމަކުން އަދި އެކި އިދާރާތަކުން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުގެ ސުވާލު އޮތީ ޔޫކޭ އާއި މޮރިޝަސްއާ ދެމެދުގައިކަން ސާފުވެފައި،" ރާއްޖޭގެ ޑިމާންޑާ ގުޅޭ ގޮތުން ސުވާލުކުރުމުން ފޮރިން އޮފީހުން ބުނެފައިވެ އެވެ.ރިޔާސީ ބަޔާން އިއްވި ފެބްރުއަރީ 5، 2026 ގައި މުއިއްޒު ވަނީ ރާއްޖެ އާއި ޗާގޯސްއާ ދެމެދު އޮންނަ ކަނޑުގެ އިން ކަނޑައެޅުމަށް އިންޓްނޭޝަނަލް ޓްރައިބިއުނަލް އޮފް ލޯ އެންޑް ސީ (އިޓްލޮސް) އިން ނިންމި ނިންމުމަށް ގޮންޖައްސަވައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ގޮތުގައި ގެއްލުނު ކަނޑުގެ ސަރަހައްދު ވެސް ހިމަނައިގެން ބެލުމަށް ނިންމާފަ އެވެ.އިޓްލޮސް އިން ރާއްޖޭގެ ދެކުނުން ބޯޑަރު ކަނޑައެޅުމުން، ދެކުނުން ރާއްޖެއަށް ލިބޭ 200 ނޯޓިކަލް މޭލުން ބައެއް ގެއްލުނެވެ. ރާއްޖޭގެ އުތުރުން ވެސް 200 ނޯޓިކަލް މޭލެއް ހަމައެއް ނުވެ އެވެ. އެއީ 1976 ވަނަ އަހަރު އިންޑިއާ، ރާއްޖެ އަދި ލަންކާއާ ދެމެދު ބޯޑަރު ބެހުމުގެ އެގްރިމެންޓުން ކަނޑައެޅި ގޮތެކެވެ.