
މި އެވޯޑަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ދެވޭ އެވޯޑެކެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައަޅާފައިވާ އެވޯޑެކެވެ.މިގޮތުން މި އަހަރުގެ އެވޯޑުގައި ތިން ދާއިރާއަކުން 22 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެވޯޑް ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ފަސެންޖާ އެވޯޑްސް، ކާގޯ އެވޯޑްސް އަދި ލައުންޖް އެވޯޑްސްއެވެ. އޭގެ އިތުރުން އަހަރުގެ އެއާލައިން ފާހަގަކޮށް ހާއްސަ އެވޯޑެއްވެސް ދޭން ވަނީ ނިންމައިފަ އެވެ.މި އަހަރުގެ އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.