ރާއްޖޭގެ ފުރަތަމަ ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީ އުނގޫފާރު ހޮސްޕިޓަލްގައި ކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް "ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީ"އެއް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ކޮށްފި އެވެ.
ހިސްޓްރޮސްކޯޕިކް މަޔޯމެކްޓޮމީ ސާޖަރީއަކީ ހަށިގަނޑުގެ އެއްވެސްތަނެއް ކަފާނުލާ އަންހެނާގެ ކުރިމަތިފަރާތުން ކެމެރާއެއް ލައްވައިގެ ކުރާ ސާޖަރީ އެކެވެ.އުނގޫފާރު ހޮސްޕިޓަލުން ބުނީ އެ ޕްރޮސީޖާ ކުރިއަށް ގެންދިޔައީ ގައިނެކޮލޮޖިސްޓެއް ކަމަށްވާ ޑރ. ތަލްހާ ކަމަށެވެ. އެކަމަކީ ރާއްޖޭގައި މިނިމަލީ އިންވޭސިވް ގައިނެކޮލޮޖިކަލް ފަރުވާ ކުރިއެރުވުމުގައި ލިބުނު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެެވެ.
އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ކާމިޔާބީއާ އެކު ހޮސްޕިޓަލުން ޒަމާނީ ހިސްޓްރޮސްކޯޕިކް ހިދުމަތްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ޕޮލިޕް އާއި ފައިބްރޮއިޑް އަދި ސެޕްޓަމް ނެގުމުގެ ހިދުމަތް ހިމެނެ އެވެ. އަދި އިންފާޓިލިޓީ އެސެސްމެންޓް ހަދައިދިނުމުގެ ހިދުމަތް ވެސް އެ ހޮސްޕިޓަލުން ދެން ލިބޭނެ އެވެ. މި އޮޕަރޭޝަން ކާމިޔާބުވުމަކީ، މިނިމަލީ އިންވޭސިވް ފަރުވާގެ ދާއިރާއިން ހޯދުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ސިފަކުރެ އެވެ.އެ ހޮސްޕިޓަލުން ވަނީ، ހިސްޓްރޮސްކޯޕީގެ އެހީގައި ދޭ ޒަމާނީ ފަރުވާތައް ވެސް އެ ހޮސްޕިޓަލުން މިހާރު ލިބޭނެކަން ހާމަކޮށްފައެވެ. އެ ގޮތުން، ޕޮލިޕް ނެގުމާއި ފައިބްރޮއިޑް ނެގުމާއި ސެޕްޓަމް ނެގުމާއި ދަރިމައިވުމުގެ މައްސަލަތައް ދެނެގަނެވޭނެ ކަމަށް އުނގޫފާރު ހޮސްޕިޓަލުން ބުނެފައިވެ އެވެ.މީގެ އިތުރުން، އެ ހުރިހާ އޮޕަރޭޝަންތަކަކީ ހަށިގަނޑުގެ ބޭރުފުށުން ކަފާނުލައި ކުރެވޭ ފަރުވާތަކަކަށް ވާތީ، ބަލިމީހާގެ ރައްކާތެރިކަން އިތުރުވެ، ފަރުވާއަށް ފަހު ވަރަށް ރަނގަޅުވާކަން ކަށަވަރުކުރެވޭނެކަން އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.