
ފަލާހު މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. މެމްބަރު ވިދާޅުވީ ސަރުކާރުން ރަށްރަށުގައި ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކަށް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލުތަކުން ހުރަސް އަޅާފައިވާކަމަށެވެ."ކުރިއަށް މި އޮތީ ދިވެހި ރައްޔިތުންނަށް އެމްޑީޕީ ދިވެހިރާއްޖެއިން ފުހެލުމަށް ލިބޭ ފުރުސަތު މިއީ، ގިނަ ފުރުސަތެއް ނުލިބޭނެ،" އޭނަ ވިދާޅުވި އެވެ. "އެހެންވީމާ ހުރިހާ ބޭފުޅުން ނޯ ޖަހަންވީ."ފަލާހް ވިދާޅުވީ އެމްޑީޕީ އަކީ ދީނާ ދުރު ޕާޓީއެއް ކަމަށާއި އެ ޕާޓީގެ މިދިޔަ ސަރުކާރުގައި އަޅަން ފެށި މިސްކިތްތަކަށް ފައިސާ ނެގުމަށް ފަހު މަސައްކަތްތައް ހުރީ ހުއްޓާލާފައި ކަމަށެވެ."އެއްވެސް މިސްކިތެއް އެމްޑީޕީގެ ދެ ވެރިކަން ނިމުނީ، އެއްވެސް މިސްކިތެއް ނުހުންނާނެ އެމްޑީޕީގެ ދެ ވެރިކަމުގައި ހުޅުވާފައި ހުރި، މިސްކިތެއް. ތަޅުލިއްޔާ ތަޅުލާފައި ހުންނަނީ." އޭނަ ވިދާޅުވި އެވެ.ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ގިނަ ރައްޔިތުން ބޭނުންނުވަނީ ވެސް އެމްޑީޕީގެ ސިޔާސަތުތައް ކަމުނުދާތީކަމަށް މެމްބަރު ވިދާޅުވި އެވެ.