ދުނިޔެ
ނަވަލްނީ މަރާލީ ބޮކެއްގެ ވިހަ ބޭނުން ކޮށްގެން: ރިޕޯޓް
ރަޝިއާގެ އިދިކޮޅު ލީޑަރު އަލެކްސީ ނަވަލްނީ މަރާލީ ދެކުނު އެމެރިކާގައި އުޅޭ ވިހަގަދަ ބޮކަކުން (ޑާޓް ފްރޮގް) ނަގާފައިވާ ވިހައެއް ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތާއި ވިލާތުގެ އެކުވެރި ގައުމުތަކުން ބުނެފިއެވެ.

ސައިބީރިއާގެ ޖަލެއްގައި ނަވަލްނީ އަވަހާރަވީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. ނަވަލްނީގެ ހަށިގަނޑުން ފެނުނު ސާމްޕަލްތަކުގެ ދިރާސާއަށްފަހު އޭނާގެ މަރުގެ ޒިންމާ ރަޝިއާގެ ސަރުކާރަށް ވަނީ އަމާޒުކޮށްފަ އެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން އިނގިރޭސި ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާ ވިދާޅުވީ، ނަވަލްނީ ޖަލުގައި ހުއްޓާ މިފަދަ ވިހައެއް ބޭނުންކުރުމުގެ ފުރުސަތާއި، ބޭނުމާއި، އަދި ވަސީލަތްތައް ހުރީ ހަމައެކަނި ރަޝިއާ ސަރުކާރުގެ އަތުގައި ކަމަށެވެ.

ސައިންސްވެރިން ބުނާ ގޮތުގައި "އެޕިބަޓިޑީން" އަކީ މޯފިންއަށްވުރެ 200 ގުނަ ބާރުގަދަ ވިހައެކެވެ.

މި ހޯދުންތަކާ ގުޅިގެން ރަޝިއާގެ ރަސްމީ ނިއުސް އެޖެންސީ އިން ބުނެފައިވަނީ މިއީ ރަޝިއާއާ ދެކޮޅަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށެވެ.

ނަވަލްނީގެ މަރާ ބެހޭ ގޮތުން ރަޝިއާ ސަރުކާރުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލު ގޯސްވީ ހިނގަން ނުކުމެ އުޅުއްވުމަށް ފަހު ކަމަށެވެ. ކުއްލިއަކަށް ހޭނެތި ހާލު ބޮޑުވީ ކަމަށާއި ވަގުތުން މެޑިކަލް ސްޓާފުން ގެނެސް ފަރުވާދީ އަދި އެމްބިއުލާންސް ޓީމުން ވެސް ފަރުވާ ދިން ކަމަށާއި އެކަމަކު ފުރާނަ ސަލާމަތް ނުކުރެވުނު ކަމަށް ބަޔާނުގައިވެ އެވެ.

ހައްދުފަހަނައެޅި ހަރުކަށި އަމަލުތައް ހިންގުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ނަވަލްނީ ހައްޔަރުކުރީ ޖަރުމަނުގައި އުޅުއްވަނިކޮށް "ނާވް އެޖެންޓް" އިން ބޭނުންކޮށްގެން ޒަހަރު ދިނުމުން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ރަނގަޅުވެގެން 2021 ވަނަ އަހަރު އެނބުރި ގައުމަށް ވަޑައިގަތުމާ އެކުގަ އެވެ.

ނަވަލްނީ ހައްޔަރުކުރުމުގެ ކުރިން އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ ކެމްޕޭނުތަކެއް ހިންގައި ކޮރަޕްޝަންތައް ފަޅާއަރުވާލައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު