ޚަބަރު
އަގީލް ރާއްޖެ ގެނެސް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ފުޓުބޯޅައިގެ ގައުމީ މައި އިދާރާ، އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައެއްގައި ދައުވާކޮށްފައިވާ އެ ތަނުގެ ފިނޭންސް ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ މުހައްމަދު އަގީލް ތައިލެންޑުގެ ބެންކޮކުން ހައްޔަރުކޮށް މިދިޔަ ހަފުތާގައި ރާއްޖެ ގެނެސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ގއ. ގެމަނަފުށިީ ފެހިކުރި، އަގީލް މިދިޔަ މަހުގެ 21 ގައި ރާއްޖެ ގެނައުމަށްފަހު އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރު ތަންފީޒުކޮށްފައިވާ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލާގައި އަގީލްގެ މައްޗަށް ކުރާ ދައުވާއާ ގުޅިގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުގައި އެދިފަ އެވެ. އެހެންވެ، މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އަގީލް ވަނީ މީގެ ކުރިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްސަލައިގައި ހެކިބަސް ދީފައެވެ. ޝަރީއަތުގައި ހެކިބަސް ދެމުން އަގީލް ވަނީ މަހަކު 5،000 ޑޮލަރުގެ އެލަވަންސެއް ބައްސާމް ނެންގެވި ކަމަށް ކުރިން ބުނެފައެވެ.

އަނެއްކޮޅުން ބައްސާމް މިހާރު ވެސް ހުރީ ޖަލުގައެވެ. އެއީ، އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ ހަތަރު އަހަރުގެ ހުކުމަކާއި، މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ ފަސް އަހަރުގެ ހުކުމަކާ އެކު ޖުމުލަ ނުވަ އަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު