މާލޭގެ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރަށް ތިލަފުއްޓަށް ބަދަލުކުރަން ކުރާ މަސައްކަތުގެ ފުރަތަަމަ ފިވަހި ޗައިނާގެ ޗައިނާ ހާބާ އިންޖިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޕީއެލް އިން ސޮއިކުރީ 05 ފެބުރުއަރީ 2026ގައި އެވެ.އެމްޕީއެލްގެ ހެޑްއޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާނެވެ. ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކަންޓްރީ މެނޭޖަރު މާއޯބާއޯ އެވެ.
އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީނިއާ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު އައިމަން ހުށަހެޅުއްވި ޕްޒެންޓޭޝަނެއްގައިވާ ގޮތުން "ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް"ގެ ނަމުގައި އެމްޕީއެލް އިން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ތޮއްޖެހުން ކުޑަކުރުމެވެ. އެއާއެކު، ވިޔަފާރިތަކަށް މިހާރަށް ވުރެ ލުއި ގޮތްތައް ހޯދައިދީ، ބަނދަރުން ދޭ ހިދުމަތްތައް އަވަސްކުރުމަކީ ވެސް އެ ޕްރޮޖެކްޓުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު މަސައްކަތް ދާ ގޮތުން ޕޯޓުގެ މަސައްކަތް ނިންމުމަށް ތިން އަހަރު ނަގަ އެވެ. އެ މަސައްކަތް ކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ކޮންމެ ފިޔަވައްސަކާ އެކު، ޕޯޓުގެ ބައެއް މަސައްކަތްތައް އާ ޕޯޓަށް ބަދަލު ކުރަމުން ދާނެ އެވެ. ސަރުކާރުގެ އަމާޒަކީ މާލޭ ވިޔަފާރި ބަނދަރު ނޮވެމްބަރު 11، 2027 ގައި ބަދަލުކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމުމެވެ.
ތަފާތު އެކި ދިރާސާތައް ދައްކާ ގޮތުން ރާއްޖޭގައި މުދަލާއި ހިދުމަތްތަކުގެ އަގުތަކަށް ބަދަލު އަންނަ ސަބަބުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ މާކެޓުގައި މުދަލުގެ އަގަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއެރުމުގެ ސަބަބުން މުދާ އިމްޕޯޓު ކުރުމުގެ ހަރަދު އިތުރުވުން ހިމެނެ އެވެ. އަދި ޑޮލަރުގެ އަގަށް އަންނަ ބަދަލުތަކާއި ވިޔަފާރިތަކުގެ ހިންގުމުގެ ހަރަދުގެ އިތުރުން ޓެކްސް ނިޒާމަށް ކުއްލިކުއްލިއަށް އަންނަ ބަދަލުތައް ހިމެނެ އެވެ. މި ހާލަތުގައި، ރާއްޖެ އަށް މުދާ އެތެރެކުރާ މައި ދޮރާށި ކަމުގައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިކަމަށް ހައްލެއް ގެނައުމަށް ކުރެވިދާނެ ކަމަކީ ކޮބައިތޯ ބެލުމަކީ މުހިއްމު ކަމެކެވެ. އެމްޕީއެލްއަކީ ގައުމުގެ އިގުތިސާދީ މައި ދޮރާށި ކަމަށް ވެފައި، ގައުމަށް މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ މުހިންމު ޒިންމާއެއް އަދާކުރާ ކުންފުންޏެކެވެ. އެގޮތުން ރާއްޖެ އަށް މުދާ އެތެރެކުރުމުގެ ހަރަދަކީ ކުޑަ ހަރަދެއް ނޫން ކަމުން، މި ހަރަދު ކުޑަކުރެވިއްޖެ ނަމަ މުދަލުގެ އަގަށް ހެޔޮ ބަދަލެއް ގެނެވިދާނެ އެވެ. މި ރިޕޯޓަށް މައުލޫމާތު ހިއްސާ ކުރައްވަމުން ނަސްރުﷲ އިތުރަށް ވިދާޅުވީ ރާއްޖެ އަންނަ ކޮންޓެއިނަރު ތަށް ކޮލޮމްބޯ ޕޯޓްގައި ގިނަދުވަސް ވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީކުރިއެރުމާއި, ތަރައްގީގެ ޕްރޮޖެކްޓްތަށް އިންތިހާ އަށް ލަސްވެ ވިޔަފާރިތަކަށް ބޮޑު ތަނުން ގެއްލުން ވަމުން އަންނަ ކަމަށެވެ. "ޓްރާންސިޕްމެން ޕޯޓަކީ އިންތިހާބު ތަކުގައި ވޯޓް ހޯދުމަށް ރ.މައުމޫން ދައުރުން ފެށިގެން އަޅާ އަނދުނެއް. ލަންކާގައި ކޮންޓެއިނަރު ތަށް ލަސް ވުމަކީ އިއްތިފާގެއް ނޫނެވެ." ބޭރު ގައުމުތަކުގެ ޕޯޓްތަކުގައި މުދާ ތާށިވުމަކީ ރާއްޖޭގެ އިގްތިސާދުގެ ކަރުގައި ހިފުން ކަމަށް ސިފަކޮށް ނަސްރުﷲ ވިދާޅުވި އެވެ.
މިއަދު ސިޔާސީ އަދި އިގްތިސޯދީ ހަގީގަތް ނަސްރުﷲ އެ ވިދާޅުވެ ދެއްވީ އެވެ. ރާއްޖެއަށް އެތެރެކުރާ މުދާ ބޭރު ކަރަތަކުގައި "ޖަލު ބަންދު" ވެގެން ރާއްޖޭގެ ވިޔަފާރި ދުވެލި ކުރިއަރާކަށް ނެތެވެ. އަތްފޯރާ ފަށުގައި މުދާ ލިބޭނެ ގޮތެއް ވެސް ނެތެވެ. ނަމަވެސް ނަސްރުﷲ އެ ވިދާޅުވި ގޮތް ނޫން ގޮތެއް ރާއްޖެއަށް މުދާ ގެންނަ މީހުންނަކަށް އަދި ނެތެވެ. ސަބަބަކީ ރާއްޖެއަށް އެތެރެކުރާ ގިނަމުދަލުގެ ބޮޑުބައި ކޮންޓްރޯލް ކުރަނީ ކޮޅުބުގައި ތިބި ބޯހަރު މީހުން ކަމަށް ވުމެވެ.
އެހެންކަމުން މިކަމުގައި ބޮލަށް ތުރާވެފައިވާ ވިޔަފާރިވެރިންނަށް ބަދަރު ކުންފުނިން ކުރަންވީ ކަމަކީ މުޅި އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުގެ މަސައްކަތް އަވަސްކޮށް މުދާ ބޭލުމާއި ބަރުކުރުމުގައި ހުރި ދަތިތަކަށް އަވަސް ހައްލެއް ހޯދައި ދިނުމެވެ. ބަދަރު ކުންފުނިން ނުކުރަންވީ ކަމަކީ ކުންފުނީގެ ފައިސާ އިން "ބަސް" ދުއްވުމާއި ލޮޖިސްޓިކްސް ހިދުމަތް ނުދިނުމެވެ.
ދުނިޔޭގެ އޮޔާއި ވައިގެ ތެރޭގައި ރާއްޖެ އަބަދު މިހެން ހޫރިހޫރިއެއް ނޯވެވޭނެ އެވެ. ރާއްޖެ އިގްތިސޯދީގޮތުން މިނިވަންވަންވެ، ބާރުވެރިވާން ޖެހެ އެވެ. ރާއްޖެއަކީ ކުޑަ ގައުމެކޭ ވަސީލަތް މަދޭ ކިޔަން އަބަދަކު ނުތިބެވޭނެ އެވެ. ކޮންޓެއިނަރު ޓްރާންފާ ވިޔަފާރި ނުވަތަ ޓްރާންސިޕްމަންޓް ވިޔަފާރި އަށް ރާއްޖެ ފުރޮޅާލުމާއެކު ދިވެހި ވިޔަފާރިވެރިންނަށް ހުރި ފުރުސަތު އިތުރުވެގެން ނޫނީ މިހާރު ވެސް "ރަތް ސަމާލު" ގައި އޮޮތް ދިވެހި އިގްތިސޯދު ހަމަ އިސްކޮޅަށް ތެދުވަން އުނދަގޫވާނެ އެވެ.