ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު މާޗު 2022 ގައި މޯލްޑިވިއަން އެއާލައިނުން ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް ވެސް ދަތުރު ފެށި އެވެ. އެކަމަކު، އެ ފަހަރު ތަރުހީބު ކުޑަކަމުން ހަފުތާއެއް ވެސް ނުވަނީސް އެ ދަތުރުތައް މެދުކަނޑާލީ އެވެ. މިފަހުން މޯލްޑިވިއަން އާއި ސްރީލަންކާގެ ގައުމީ އެއާލައިން ސްރީލަންކަން އެއާލައިންސާ ދެމެދު ވަނީ މުހިންމު ޕާޓްނާޝިޕް އެއްބަސްވުމެއް ހަދައިފަ އެވެ. މި ޕާޓްނާޝިޕާ އެކު، ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ލުޔަކީ ރާއްޖެއިން ބޭރަށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ޑޮމެސްޓިކް އެއާޕޯޓަކުން ވިޔަސް އިންޓަނޭޝަނަލް ކަނެކްޓިން ފްލައިޓްތައް ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެހުމެވެ.
މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މި ޕާޓްނާޝިޕަކީ ރާއްޖޭގެ އެކި ރަށްރަށަށް ނުވަތަ ޑޮމެސްޓިކް އެއާޕޯޓުތަކަށް އޮންނަ ކަނެކްޓިވިޓީ ވަރުގަދަކޮށް، ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ފަސޭހަކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ނެޓްވޯކާއި އަޅުގަނޑުމެންގެ ޑޮމެސްޓިކް ދަތުރުތައް ގުޅާލުމުން، ޓޫރިޒަމް ކުރިއެރުވުމަށާއި ދިވެހިން ބޭރަށް ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.