ރައްޔިތުންގެ ބައްދަލުވުންތަކުގެ ދެވަނަ ބުރު އަންނަ މަހު ފަށަނީ
ޔޫނުސް އިބްރާހިމް
11 މެއި 2026 - 15:46
0 comments
ވިލިމާލެ ރައްޔިތުންނާ އެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ރައްޔިތުންގެ ބައްދަލުވުންތަކުގެ ދެވަނަ ބުރު، މިއަންނަ ޖޫން މަހުން ފެށިގެން ފައްޓަވަން ނިންމަވާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފި އެވެ.
އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ، މިއަދު، ރައީސްގެ އޮފީހުގައި، ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބައްދަލުވުންތައް ފައްޓަވަނީ ރައްޔިތުންނާ ގާތުން އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަށް، އެކަން ކުރެއްވުމަށް ކަމުގައި ވިދާޅުވި އެވެ. އެގޮތުން ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ވިސްނުމާއެއްގޮތަށް ކަންތައްތައް ގެންދިއުމުގައި ސީދާ އެމަނިކުފާނާއި ހަމައަށް ނާންނަ ބައެއް ކަންކަން ހުންނަ ކަމަށާއި އެގޮތުން އެކަންކަން ހައްލުކުރެއްވުމުގެ ވަރަށްބޮޑު ބާރަކަށް މި ބައްދަލުކުރެއްވުންތައް ވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ."ކުރިންވެސް ގެންދެވިހެން، ފައްޓަވާ ރައްޔިތުންގެ ބައްދަލުވުންތަކުގައި، މާލޭގައި ކަމަށްވާނަމަ، މާލޭގެ އަވަށްތަކުގެ އަވަށު ބައްދަލުވުންތަކެއް، ވަގުތުއޮތް މިންވަރަކުން، ކޮންމެ ހަފުތާއަކު އެއް ބައްދަލުވުން ބޭއްވޭތޯ މަސައްކަތްކުރާނަން" ރައީސް ވިދާޅުވި އެވެ.އެގޮތުން އެއްވެސް ކަހަލަ ދަތުރެއް ނުވަތަ ވަގުތުގެ ދަތިކަމެއް މެދުވެރިނުވާހާހިނދަކު ހަފުތާއަކު އެއްފަހަރު ނުވަތަ އެއަށްވުރެ އަވަހަށްވެސް މިބައްދަލުކުރެއްވުންތައް ބޭއްވޭތޯ މަސައްކަތްކުރައްވާނެކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މީގެތެރޭގައި، ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އެކިއެކި ޕްރޮފެޝަންތަކުގެ ބައިބަޔާއެކު ވަކިވަކީން ބާއްވަވާ ބައްދަލުކުރެއްވުންތަކާއި އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެރަށްރަށަށް ޒިޔާރަތްކުރެއްވުން ހިމެނޭކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.ރައްޔިތުންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބުރުގައި ރައީސް ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށާއި ސިޓީތަކަށް، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 1 އަހަރާއި 11 މަސް ދުވަހުގެ ތެރޭގައި ޒިޔާރަތްކުރައްވާ، އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ހާލުބައްލަވާ އެކިއެކި ދާއިރާތަކުގައި ހުރި ދަތިކަންކަމާގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ރައްޔިތުންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބުރުގައި ހިމެނިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މި މުއްދަތުގައި ޒިޔާރަތްކުރެއްވިއިރު، 63 ރަށަކަށް އެމަނިކުފާނު ވަނީ 2 ފަހަރަށް ޒިޔާރަތްކުރައްވާފަ އެވެ.ރައީސް ނޫސްވެރިންނާއެކު ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުކުރެއްވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުކުޑަކުރުމަށް ޕީސީބީން އަންގާފައިވާ އެންގުމާއި އެއްގޮތަށް އަދި ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމުގެ ކަންކަން ގެންދަވާނެކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އޭގެތެރޭގައި މުވައްޒަފުން މަދުކުރުމާއި ކުންފުނިތަކުގެ ހަރަކާތްތައް އިތުރަށް ސްޓްރީމްލައިންކޮށް އެފިޝަންޓްކުރުމަށް ގެނެވޭ ބަދަލުތައް ހިމެނޭކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ
ކިޔުންތެރިންގެ ޝުއޫރު