ޚަބަރު
ރައީސް އޮފީސް ތެރޭ ރޫލް އޮފް ލޯ ހިފެހެއްޓޭނެ: ރައީސް
ރައީސް އޮފީސް ތެރޭ "ރޫލް އޮފް ލޯ" ނުވަތަ ގާނޫނީ ސިޔާދަތު ހިފެހެއްޓޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން އުފެއްދި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި، މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން "އައިޝާ" ޑޮކިއުމެންޓްރީ ދައުރު ނުކުރުމަށާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދައްކަން އަމުރުކޮށްފައި ވަނިކޮށް، ރައީސް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއާ ގުޅޭ ސުވާލެއް "އަދަދު"ން ކުރުމުން އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ރައީސް އޮފީހުގެ ޕްރެސް ރޫމުން ދިއުމަށް އެދިވަޑައިގެންނެވެ. 

ޝަހުޒާން ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކޯޓުން "ގެގް އޯޑާ"އެއް ނެރެފައިވާ ކަމަށާއި އެ ސުވާލު ކުރުމުން ޝަހުޒާން ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށެވެ. 

ކްރިމިނަލް ކޯޓުން އަމުރުކުރަނީ:

  • މި މައްސަލާގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން 'އައިޝާ' ޑޮކިޔުމެންޓްރީ ދައުރު ނުކުރަން 

  • ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ޑޮކިޔުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އެއްވެސް މީހަކު ނުދެއްކުމަށް

  • ޑޮކިއުމެންޓްރީއާ ގުޅުވާ މައްސަަލައިގެ ހަސްމަކަށް ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ނުދައްކަން

  • މިއީ ކޯޓުގައި ސިއްރުން ކުރިއަށް ގެންދާ މައްސަލަތަކެއް ކަމުން، މައްސަލާގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި ވާހަކަތައް ނުފަތުރަން
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުން ބަލައިނުގަންނާނެ ކަމަށާއި ރައީސް އޮފީހުގެ ޕްރެސް ރޫމްގައި ކޯޓު އަމުރާ ހިލާފު ކަމެއް ނުކުރެވޭނެ ކަމަށެވެ.

މައިކުން އަޑުކަނޑާލާފައި ވަނިކޮށް ވެސް ޝަހުޒާން ސުވާލުކުރަން ފެށުމުން ޝަހުޒާން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ރައީސް މުއިއްޒު ވިދާޅުވީ ރައީސް އޮފީސް ތެރޭ "ރޫލް އޮފް ލޯ" ނުވަތަ ގާނޫނީ ސިޔާދަތު ހިފެހެއްޓޭނެ ކަމަށެވެ. އެއާ އެކު، ސެކިއުރިޓީން ވަދެ ޝަހުޒާން އެ މާލަމުން ވަނީ ނެރެފަ އެވެ.

މިއީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން، ކުރި ސުވާލަކާ ގުޅިގެން ނޫސްވެރިއަކު ބައްދަލުވުމުން ބޭރުކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު