ޚަބަރު
މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު ދައްކައިފިން: ރައީސް
މިދިޔަ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

"މިއަދަށް ޑިއުވެފަ އަޮތް 50 މިލިއަން ޑޮލަރުގެ ލޯނުވެސް އަޅުގަނޑުމެން މިއަދު ކްލިއާކޮށްފިން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ 974 މިލިއަން ޑޮލަރުގެ ދަރަނި ފާއިތުވި 40 ދުވަސް ތެރޭގައި އަނބުރާ ދައްކާފައިވާ ކަމަށެވެ. 

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރައްޔިތުންގެ ބޮލުގައި އަޅުވާފައި ހުރި ދަރަނިތަކުން ރައްޔިތުން ސަލާމަތް ކުރާނެ ކަމަށެވެ.

ރައީސް ވަނީ، ދައުލަތުގެ މަތީ މަގާމުތައް އަދާކުރައްވާފައި ތިއްބެވި ބޭފުޅުން ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް، އިގްތިސޯދަށް ގެއްލުންވާ ގޮތަށް އަސާސެއް ނެތް ވާހަކަތައް ދައްކާތީ އެކަން ކުށްވެރިކުރައްވައިފަ އެވެ.

ރައީސް އިޝާރާތް ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް މިދިޔަ ހަފްތާގައި ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖޭގެ އިގްތިސޯދާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށެވެ.

"އެ ބޭފުޅުންގެ ސަރުކާރުން ދަރަނިތައް ނެގީ. އަޅުގަނޑު މިދަނީ ދައްކަމުން. ދައްކާތީ ވެސް ކަންބޮޑުވަނީ. މިއީ މާ ކޫލް ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުގެ ދަރަނިތަކުން ރައްޔިތުން ސަލާމަތް ކުރައްވާނެ ކަމަށާއި އެކަން ކުރާނީ މުސާރަތައް ދީ، ތެލަށް ދައްކަންޖެހޭ ފައިސާތައް ދައްކަމުން އަސާސީ އެހެން ކަންތައްތައް ވެސް ފުރިހަމަކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު