ކޯޓު އޯޑަރަށް ތަބާވުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް: ރައީސް
ރައީސް މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނެރުނު އޯޑަރަށް ހުރިހާ ރައްޔިތުން ވެސް ތަބާވާން ޖެހޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 
މި އަމުރު ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލު ނާސިރު ނެރުއްވީ "އަދަދު" ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފު ކުރުމުގެ ދައުވާ އުފުލައި، ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރެއް ނެރެދޭން ދައުލަތުން އެދުމާ ގުޅިގެންނެވެ. އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަން:
- "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް
- ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުން
- ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުން
- މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުން.
މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ބަޔާންކޮށްފައިވެ އެވެ.ރައީސް މުއިއްޒުގެ ހަފުތާ މީޑީއާ ބްރީފިންގައި ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް މިއަދު ވިދާޅުވީ، ކްރިމިނަލް ކޯޓުން ނެރެފައިވާ "ގެގް" އޯޑަރަށް ތަބާވުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
"ސަރުކާރުން ކުރާ ކަމެއް ނޫން. ޝަރުއީ ދާއިރާއިން ކުރާ މަސައްކަތް ޝަރުއީ ދާއިރާއިން ކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ތަންމިންނަށް ފުޅާކޮށް އޮތް ގައުމެއް ކަމަށެވެ. ނަމަވެސް، ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަން ޖެހޭނީ ގާނޫނުއަސާސީގައިވާ އިންތަކުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނާ ހިލާފު އަދި ގާނޫނުއަސާސީއާ ހިލާފު ކަންކަމެއް ނުކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއީ އެއްވެސް ފަރާތަކަށް އޮތް ހައްގެއް ނޫން. ނޫސްވެރިކަމުގެ ފާހެއް އެޅުމަކީ ރައްޔިތުންގެ އަބުރަށް އަރައިގަތުމުގެ ލައިންސެންސެއް ނޫން. މުސްލިމަކަށް ވީތީ އޮތް ލައިސެންސެއް ނޫން އެއީ އެއްވެސް މީހެއްގެ އަބުރަށް އަރައިގަތުމަކީ،" ރައީސް ވިދާޅުވި އެވެ. މައިކުން އަޑުކަނޑާލާފައި ވަނިކޮށް ވެސް ޝަހުޒާން ސުވާލުކުރަން ފެށުމުން ރައީސް ވިދާޅުވީ ރައީސް އޮފީސް ތެރޭ 'ރޫލް އޮފް ލޯ' ހިފެހެއްޓޭނެ ކަމަށެވެ. އެއާ އެކު، ސެކިއުރިޓީން ވަދެ ޝަހުޒާން އެ މާލަމުން ވަނީ ނެރެފަ އެވެ.