ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން އެ ޕާޓީގެ ސީނިއާ މެންބަރެއް ކަމަށްވާ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ބޭރުކޮށްލައިފި އެވެ. 
ދިއްގަރު ދާއިރާގެ މެންބަރުކަން ކުރައްވާ ނާޒިމު މިދިޔަ މަހު 21 ގައި ވަނީ މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ވަކިކޮށްފައެވެ. އެ ބަދަލު ގެނައިކަން ވެސް މަޖިލީހުގެ ޖަލްސާގައި އާންމު އުސޫލުން އިއުލާނެއް ނުކުރެއެވެ. އަދި، އެ ބަދަލާ ގުޅޭ ގޮތުން ޕީއެންސީން ވެސް ރަސްމީކޮށް އެއްޗެއް ނުބުނެއެވެ.އެނގިފައިވާ ގޮތުގައި މިއަދު ހެނދުނު 6:00 އެހާކަންހާއިރު ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން ނާޒިމް ވަނީ ބޭރުކޮށްފައެވެ. އެއީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ. އެއީ އެ މަނިކުފާނު ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން ހިންގަވާ ރަސްމީ ގްރޫޕެކެވެ.އެކަމަކު، އޭނާ ގްރޫޕުން ބޭރުކުރި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.މަޖިލީހުގެ މި ދައުރަށް އިންތިހާބުވި ޕީއެންސީގެ މެމްބަރުންނަށް ސަރުކާރުގެ ފަރާތުން އަންގާ އެއްޗެއް އަންގަވާނީ ސީދާ ރައީސް މުއިއްޒު ކަމަށް، މަޖިލިސް އިންތިހާބު ނިމުނު ދުވަސްވަރު އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ނާޒިމް އިންތިހާބުކުރީ މޭ 28، 2024 ގަ އެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.