ޚަބަރު
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރަން ފާސްކޮށް އެކަމަށް ބޭނުންވާ ސޮއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ހަމަކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ޕީއެންސީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް ބާއްވައި، ފާސްކޮށްފައި ވަނީ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ފެށުމަށެވެ.

އެއާއެކު، ޕީޖީ ގުރޫޕުގެ މެމްބަރަކު ވިދާޅުވީ މިހާރު އެކަމަށް ބޭނުންވާ ސޮއި ވެސް ހަމަކޮށްފައިވާ ކަމަަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ނައިބުރައީސް ވަކި ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންނަށްވުރެ މަދުނޫން އަދަދެއްގެ މެންބަރުން ލިޔެ ސޮއިކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާ ގަރާރު މަޖިލީހަށް ފޮނުވުމުންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަހުމަދު ނާޒިމް އިންނެވިއިރު ކޯރަމް ހަމަނުވެގެން ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ.

ނާޒިމާއި ޕީއެންސީގެ އިސްފަރާތްތަކާ ގުޅުން ގޯސްވި ސަބަބުތައް އަދި ތިލައެއް ނުވެ އެވެ. ނަމަވެސް މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން "ނުސީދާކޮށް" އަންގާފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި މަޖިލީހުގައި އެންމެ ބާރުގަދަ ކޮމިޓީތަކުން ކުރިން ނާޒިމް ވަނީ ވަކިކޮށްފަ އެވެ.  
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު