100 މީޓަރު އަޑިއަށް ފީނޭވަރަށް ސިފައިންގެ އޮފިސަރުން ތަމްރީނުކުރަނީ
އިބްރާހިމް އިމާދު
16 މެއި 2026 - 12:58
0 comments
ކަނޑުގެ ކޭވްއެއްް: ފަސް ޑައިވަރުން މަރުވީ ކޭވްއެއް ބަލަން ގޮސް އުޅެނިކޮށް -ފޮޓޯ/ ޝަފްރާޒް ނައީމް
އެމްއެންޑީއެފް ކޯސްޓްގާޑްގެ އޮފިސަރުން 100 މީޓަރު އަޑިއަށް ޑައިވް ކުރެވޭ ވަރަށް ތަމްރީން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދައުލަތުގެ ޓީވީގައި ވާހަކަދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، ސިފައިންގެ ޑައިވަރުން ޑައިވްކުރުމަށް ކޮލިފައިވެފައި ތިބެނީ 50 މީޓަރަށް ޑައިވް ކުރުމަށްކަމަށެވެ. ސަލީމް ވިދާޅުވީ، ކަނޑުމަތީގައި ހިނގާ އެކި ކަހަލަ ޙާދިސާތަކާ ގުޅިގެން މީހުން ހޯދުމަށް ހިންގާ ސަރޗް އޮޕަރޭޝަންތަކާއި ރެސްކިއު އޮޕަރޭޝަންތަކުގައި ބައެއް ފަހަރު ޑައިވަރުންވެސް ވަރަށް ބޮޑު ރިސްކަކަށް ހުށަހެޅޭކަމަށެވެ.
ކޯސްޓްގާޑުގެ ޑައިވަރުންގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކާ، މިއަހަރުތެރޭ 100 މީޓަރަށް ޑައިވް ކުރެވޭ ފެންވަރަށް ޑައިވަރުންނަށް ތަމްރީނުކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ. އެގޮތުން އަވައްޓެރި ބައެއް ޤައުމުތަކުގެ އެހީއާއި، ސަރުކާރުގެ އެހީތެރިކަމާއެކު މިއަހަރު ނިމުމުގެ ކުރިން 100 މީޓަރަށް ޑައިވްކުރުމަށް ޑައިވަރުން ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުންދާކަން ސަލީމް ފާހަގަކުރެއްވިއެވެ.
"ސަރުކާރުގެ އިސްނެގުމާއެކު މިއަހަރުތެރޭގައި 100 މީޓަރަށް ޑައިވްކުރެވޭ ފެންވަރަށް ޑައިވަރުން ގެންދިއުމަށްޓަކައި ޕްރޮގްރާމެއް ފަށާފައިވަނީ. މިމަހުގެ ތެރޭގައި މީގެ ސެކަންޑް ފޭސް ހިނގާނެ. މިއަހަރު ނިމުމުގެ ކުރިން އެއަށް ބޭނުންވާ މީހުން ތަމްރީނުކޮށް ކުރިއަށްގެންދެވޭތޯ މި ބަލަނީ." ސަލީމް ވިދާޅުވި އެވެ.ސަލީމް މިހެން ވިދާޅުވިއިރު މި މަހުގެ 14 ވަނަ ދުވަހު ވ. އަތޮޅުގައި ފީނަން ގޮސް އުޅުމުގެ ތެރޭގައި ގެއްލުނު އިޓަލީގެ ޑައިވަރުންތަކެއް ހޯދުމަށް ރިސްކް ބޮޑު އޮޕަރޭޝަނެއް އެމްއެންޑީއެފުން ވަނީ ފަށާފަ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި މިހާތަނަށް ފެނުނު ޑައިވަރުގެ ހަށިގަނޑު ފެނިފައިވަނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ކޭވްއެއްގެ ތެރެއިންނެވެ. އަދި ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ މި ކޭވްގެ ތެރޭގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. މި މަސައްކަތުގައި ޓޫރިސްޓުން ޗުއްޓީއަށް އައި ސަފާރީ އާއި ވ. އަތޮޅު ފުލުހުން ވެސް ބައިވެރިވެ އެވެ. މަރުވި ހަތަރު ޓޫރިސްޓުންނާއި އެ މީހުންގެ އިންސްޓްރަކްޓަރު 60 މީޓަރަށް ފީނިއިރު، ރާއްޖޭގައި އާންމުކޮށް ޑައިވްކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ. ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޯދަން އެމްއެންޑީއެފުން ހިންގަމުން އަންނަނީ، ސަލާމަތީ ބާރުން ބުނި ގޮތުގައި، "ހައި ރިސްކް އޮޕަރޭޝަނެކެ"ވެ. އެއީ ވަރަށް ނުރައްކާތެރި އޮޕަރޭޝަނަކަށް ވާތީ އިތުރު ޑައިވަރުންނާއި ހާއްސަ ސާމާނު މިހާރު ވަނީ އެ ސަރަހައްދަށް ފޮނުވައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު