ކަނޑުމަގުން ވަގަށް ރާއްޖެއަށް އެެތެރެ ކުރަން އުޅުނު 2.3 މިލިއަން ސިނގިރޭޓް ސްޓިކް މިދިޔަ ހަފްތާގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ 2.3 މިލިއަނަށް ވުރެ ސިނގިރޭޓް ސްޓިކް މިދިޔަ ބުރާސްފަތި ދުވަހު އަތުލައިގަތީ މާލޭގެ ވިޔަފާރި ބަނދަރުން ކަމަށެވެ. އެއީ 230 އަށް ވުރެ ގިނަ ކޭސް ސިނގިރެޓެވެ. ނަމަވެސް، އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ރާއްޖޭގައި އާއްމުކޮށް ސިނގިރޭޓެއް ވަކިން ވިއްކާ އަގަށް ބަލާއިރު، ވަގަށް އެތެރެކުރި ސިނގިރޭޓުގެ އަގު 32 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ.ރާއްޖެއަށް ދުންފަތުގެ ބާވަތްތަކާއި އީ-ސިނގިރޭޓު އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން މިހާރު ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެ އެތެރެކުރާ މުދާ ބަލައި ފާސްކުރުމުގެ ކަންކަން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހޯދުނު ކާމިޔާބީއެއް ކަމަށް އެ އިދާރާއިން ބުންޏެވެ.