ޚަބަރު
ރައީސްގެ މާލީ ބަޔާން ހާމަކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނު މާލީ ބަޔާން މިއަދު އާންމުކުރައްވައިފި އެވެ.

ރައީސްގެ މާލީ ބަޔާން އާންމުކުރައްވާ މިހާރު ވަނީ ރައީސްގެ އޮފީހުގެ ވެބްސައިޓްގައި ވެސް ހިމަނުއްވާފަ އެވެ. އެގޮތުން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ލިބިވަޑައިގެންނެވި އާމްދަނީ އާއި ރައީސްގެ އަނބިކަނބަލުންނަށް ލިބިވަޑައިގެންފައިވާ އާމްދަނީ އާއި މިލްކިއްޔާތުގައި ހުރި މުދާ / ވިޔަފާރި މަސްލަހަތާއި ގުޅޭ މާލީ ތަފްސީލުތައް ވަނީ ހާމަކުރައްވާފަ އެވެ.

މީގެ އިތުރުން ސްޓޭޓްމަންޓް ދިން ތާރީހުގައި ބޭންކުގައި ހުރި ފައިސާއާ ލޯނާއި ދަރަނީގެ ތަފްސީލުވެސް ހިމަނުއްވާފައިވެ އެވެ.

ރައީސް މުއިއްޒުގެ މާލީ ބަޔާންގައި ފާހަގަކޮށްފައިވާ ގޮތުގައި އެ މަނިކުފާނުގެ ތިން ބޭންކް އެކައުންޓެއްގައި ޖުމްލަ ހުރީ 1.8 މިލިއަން ރުފިޔާ އެވެ. 

އޭގެ އިތުރުން މިލްކިއްޔާތުގައި ވާރުތައިން ލިބިފައިވާ މާލޭ ދިމްޔާތާއި 5.5 މިލިއަން ރުފިޔާގެ ރޯހައުސްއަކާއި 150،000ރ. ގެ ހއ. ވަށަފަރު، ދިމްޔާތުއޭ ކިޔުނު ގޯއްޗާއި ހިބައިން ލިބިފައިވާ މ. ފިގް ހިމެނެ އެވެ. 

ރައީސްގެ މިލްކިއްޔާތުގައި 260،000ރ. ކާރެއް ވެސް އެބައޮތެވެ. 

ރައީސް މުއިއްޒުގެ ނަމުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީގައި ލޯނެއް އެބައޮތް ކަމަށާއި ބާކީ ދައްކަން ޖެހެނީ 1.3 މިލިއަން ރުފިޔާ ކަމަށް މާލީ ބަޔާނުގައި ވެ އެވެ. އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ލޯނެއް ނެތެވެ.

އެ ބަޔާނުގައިވާ ގޮތުން، މިދިޔަ ހަ މަހުން ގާނޫނުގެ ދަށުން ރައީސްގެ އަނބިކަނބަލުންނަށް ލިބޭ އެލަވަންސްގެ ގޮތުގައި، 199،99.98 ރުފިޔާ ލިބިފައިވެ އެވެ. އަދި، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ކޮންސަލްޓަންޓުގެ މުސާރައަށް ހަ މަހުން 4،927 ރުފިޔާ ލިބުނުއިރު، ދިމްޔާތު ޕްރައިވެޓް ލިމިޓެޑް އިން 78،000 ރުފިޔާ މިދިޔަ ހަ މަހުން ލިބިފައިވެ އެވެ.

މިއަދު ރައީސްގެ މާލީ ބަޔާން ހާމަކުރެއްވިއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން މާލީ ބަޔާންތައް އައީ ހާމަކުރަމުންނެވެ. ނަމަވެސް، މިއީ ރައީސް މުއިއްޒު މާލީ ބަޔާން ހާމަ ކުރެއްވި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު