ރާއްޖޭގެ ކަނޑުމަހުން ނަގާ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ސަސްޕެންޑް ކުރަން އިނގިރޭސި ވިލާތުން ނިންމައިފި އެވެ. 
އިނގިރޭސި ސަރުކާރުގެ ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ނިންމުމާ ގުޅިގެން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ފައިދާތަކެއް ލިބި މަސްވެރިންގެ އާމްދަނީއަށްވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިނގިރޭސިވިލާތުގެ ބާޒާރުގައި ފުޅޭކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސްގެ ޕޯސްޓްގައި ވަނީ ޕޯލް އެންޑް ލައިން ޓޫނާ އިންޑަސްޓްރީގައި އެންމެ ކުރިއަރާފައިވާ އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރަމުން އަންނަ ގައުމަކީ ރާއްޖެކަންވެސް ފާހަގަކުރައްވާފަ އެވެ. އިނގިރޭސި ސަރުކާރުގެ ނިންމުމާ ގުޅިގެން ރައީސް ވަނީ އިނގިރޭސި ސަރުކާރަށާއި މިކަމުގައި މަސައްކަތް ކުރެއްވި ބޭފުޅުންނަށް ރައީސް ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.
"މި ނިންމުމާ ގުޅިގެން އެނގިގެންދަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮންނަ ގާތް ގުޅުމުގެ އިތުރުން ވިޔަފާރީގެ ދާއިރާ ކުރިއެރުވުމަށް ދެ ގައުމުން ދޭ އަހަންމިއްޔަތުކަން" ރައީސް ވިދާޅުވި އެވެ.ރާއްޖެއިން އަހަރަކު ގާތްގަނޑަކަށް 16.7 އާއި 18 މިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އިނގިރޭސި ވިލާތަށް ކަނޑުމަސް އެކްސްޕޯޓް ކުރެ އެވެ. ރާއްޖެއަކީ އިނގިރޭސި ވިލާތަށް އެންމެ ގިނައިން ކަނޑުމަހުގެ ބާވަތްތައް އެތެރެކުރާ ގައުމުތަކުގެ ތެރެއިން ނުވަ ވަނަ ގައުމެވެ.
އިނގިރޭސި ވިލާތުން މިއަދު ނިންމި ނިންމުން ދާއިމީ ކުރުމަށްޓަކައި އެ ގައުމުގެ ސަރުކާރާއެކު ކުރަންޖެހޭ މަޝްވަރާތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ. ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނަ ސަފީރު، ނިކް ލޯ ވަނީ މި ބަދަލުގެ ސަބަބުން އެ ގައުމުގައި މަހުގެ އަގުތައް ހެޔޮވެ، ދިވެހި މަހަށް އިނގިރޭސި މާކެޓުގައި ރަނގަޅު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ އަގުހެޔޮކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި ދޮށީގެ މަހަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.ލޯގެ މިވާހަކަތަކަށް ޖަވާބު ދެއްވަމުން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުހައްމަދު މުުއިއްޒު ވަނީ އިނގިރޭސި ސަރުކާރުގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފަ އެވެ.