3-0 ކެނަޑާ ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކްއާޓާ ފައިނަލަށް މޮރޮކޯ ދަތުރުކޮށްފި އެވެ.
އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގިނަ ކާޑުތަކެއް ފެނިގެންދިޔައިރު، މި ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި މޮރޮކޯގެ މިޑްފީލްޑަރު އަޒެއްދީން އުނާހީ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދީފަ އެވެ. ކެނެޑާއިން ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުން ދަނިކޮށް، އުނާހީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ކެނެޑާގެ އުއްމީދުތައް ފަނޑުކޮށްލާފަ އެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި އަށް މިނިޓު ހަމަވާން 10 ވަރަކަށް ސިކުންތަށް ވެފައި ވަނިކޮށް ކައުންޓާ އެޓޭކެއްގައި މޮރޮކޯގެ ފަހު ލަނޑު ޖަހައިދިނީ ސުފިއާން ރަހީމީ އެވެ. މި ލަނޑު ޖަހަން އެހީ ވީ ވެސް ޑިއާޒް އެވެ.
ކެނަޑާ އިން މި ފަހަރުގެ ވޯލްޑް ކަޕަށް ކުރިމަތިލިއިރު، އެ ޓީމަކީ ވޯލްޑް ކަޕްގައި އެއްވެސް މެޗަކުން ޕޮއިންޓެއް ވެސް ލިބިފައިވާ ޓީމެއް ނޫނެވެ. އެކަމަކު، ޖެސީ މާޝްގެ ކޯޗުކަމުގައި ކެނަޑާ އިން ވޯލްޑް ކަޕްގެ ދެ ވަނަ ބުރަށް ދަތުރުކުރުމަކީ ވެސް ކާމިޔާބެެކެވެ. މި މެޗުގައި މޮރޮކޯ ކޮޅަށް ލަނޑެއް ނުޖެހި ކެނަޑާ ބަލިވިއިރު، މިއީ މި ފަހަރުގެ ވޯލްޑް ކަޕްގެ ހޯސްޓަކަށް މެޗެއްގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ފުރަތަމަ ފަަހަރެެވެ. މޮރޮކޯ އިން ކުއާާޓާ ފައިނަލުގައި ކުޅޭނީ ފްރާންސާއި ޕެރަގުއޭ އިން ގަަދަ 16 ގައި ކުޅެގެން މޮޅުވާ ޓީމަކާ އެވެ.