ވިޔަފާރި
ކޫލް ސްކޫލްގެ 61 ޕަސެންޓް މަސައްކަތް ނިމިއްޖެ:މިނިސްޓަރު
ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 61 ޕަސެންޓް ސްކޫލްގެ މަސައްކަތް ނިމިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

"ކޫލް ސްކޫލް" މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ޝަފީއު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވީ، މީގެ ކުރިން އޮންނަނީ އޭސީއެއް ހަރު ކުރުމަކީވެސް ޕްރިންސިޕަލަށް އަދަބު ލިބޭ ކަމެއްގެ ގޮތުގައި ކަމަށާއި، އެއީ މީގެ ކުރިން މުޅިން މަނާ ކަމެއް ކަމަށެވެ. ނަމަވެސް، ހޫނު ގަދަވުމާއި، ކްލާސް ރޫމްތަކުގެ ހިތްފަސޭހަކަން ހޯދުމަށްޓަކައި ސަރުކާރުން، ޖުމްލަ 217 ސްކޫލެއްގައި މި މަސައްކަތް ފެށި ކަމަށް ޑރ. ޝަފީއު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ދަނީ ބާކީ ހުރި ސްކޫލްތަކުގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑްކޮށް ކަރަންޓުގެ މަސައްކަތް ނިންމާލުމަށް. ހުރިހާ ސްކޫލުތަކަށްވެސް މިހާރު ވާނީ އޭސީ ފޮނުވިފަ،" އިސްމާއީލް ޝަފީއު ވިދާޅުވި އެވެ.

ރާއްޖޭގެ ބައެއް ސްކޫލުތަކަށް 30 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ސްކޫލުތަކުގައި ހުރީ ސިންގަލްފޭސް ކަރަންޓު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން ގިނަ ސްކޫލުތަކުގައި މަސައްކަތް ނިންމާލުން ކަމަށެވެ. 

ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫއު މި އަހަރުގެ ދިރާސީ އަހަރު ފެށުމުގެ ކުރިން ނިންމާނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުންޏެވެ. ޖެނުއަރީ 22، 2025 ގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ސްކޫލެއް އެ އަހަރުގެ ސެޕްޓެމްބަރަށް އޭސީކޮށް ނިންމާނެ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު